ENGLISH
06 ޖުލައި 2025
އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓޭޝަން ކާޑު ބޭނުންކުރަން ހަނދާންކޮށްދީފި
11 މޭ 2025
|
އެކި ހާލަތްތަކާއި ގުޅިގެން ބާއްވާ އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން، "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަމާއި، އެއްވުންތަކާ ގުޅިގެން ފުލުހުން ބަންދުކުރާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ އެންމެ މުހިއްމު އިލްތިމާސްއަކީ އެއްވުންތައް ކަވަރުކުރާ ނޫސްވެރިން ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރިޑިޓޭޝަން ކާޑު ބޭނުން ކުރުމެވެ.
ފުލުހުން ބުނީ އެ ކާޑު ނެތް ނޫސްވެރިން ވީހާވެސް އަވަހަކަށް ކާޑު ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދަން އެދޭ ކަމަށެވެ. އެކްރެޑިޓްކޮށްފައިވާ ފާސް ލިބެންދެން، ކުރިއަށް އޮތް ހަތަރު ދުވަހު (މެއި 12-15 ) އަށް، އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރެއްވުމުގައި ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެއްވުންތަކުގައި ހަރަކާތްތެރިވާއިރު އެކްރެޑިޓޭޝަން ކާޑު އަބަދުވެސް ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކޮށްގެން އުޅުމަށާއި ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރުކުރުމަށް ފުލުހުން އެދިފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ތިބެންވާނީ ފުލުހުންގެ ސަފުތަކާއި އެކަށީގެންވާ ދުރުމިނެއްގައި ކަމަށެވެ. އަދި ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނޫސްވެރިން ނުވަނުމަށާއި، ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުމަށް އެދިފައިވެއެވެ.
ފުލުހުން ބުނީ އެ އިދާރާއިން ހުށަހަޅާފައިވާގޮތަށް އެއްވުންތަކުގައި ނޫސްވެރިން އަމަލުކުރުމުން ނޫސްވެރިންގެ މަސްކަތަށް ލުއިފަސޭހަކަން ލިބި ރައްކާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ނޫސްވެރިންގެ ސަމާލުކަމަށް، މުހިއްމު ކަންކަން ފުލުހުން ހަނދާންކޮށްދިންއިރު، މާލޭގައި މިހާރު ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި، ބައެއް ނޫސްވެރިން ފުލުހުންގެ ސަފުތަކަށް ވަނުމާއި ގުޅިގެން ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ.