ENGLISH

06 ޖުލައި 2025

Advertisement

ތަފާސްހިސާބުތަކުން؛ ނުކިޔަވާ އަދި މަސައްކަތެއް ނެތް ކުދިންނާއި، ބެލެނިވެރިން ނެތް ކުދިންގެ އަދަދު

11 މޭ 2025

|

ޝިފްޒާން އަޙްމަދު

ހެންވޭރު އުސްފަސްގަނޑުގައި ކުޑަކުދިންތަކެއް ގުޑިއަރުވަނީ، ފޮޓޯ: ދިޔަރެސް

ކުޑަކުދިންގެ ދުވަހާ ގުޅިގެން ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ ކުޑަކުދިންގެ ތެރެއިން މަސައްކަތްކުރަން ފަށާ އުމުރުގެ %16 ކުދިން ތައުލީމު އުނގެނުން ހުއްޓާލާފައިވާއިރު މަސައްކަތެއްވެސް ނުކުރާކަމާއި ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ %2 ކުދިންގެ ބެލެނިވެރިއެއް ނެތްކަން ހާމަވެއްޖެއެވެ. 

އެ ތަފާސްްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ 6 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ މަސައްކަތްތެރިކަމުގެ ކޮންމެވެސް ދާއިރާއެއްގައި ހަރަކާތްތެރިވާ ކުއްޖެކެވެ. އެގޮތުން 17،651 ކުދިން މަސައްކަތްކުރާކަން އެ ތަފާސްހިސާބުތަކުން ދައްކައެވެ. 

އަދި ކުޑަކުދިންގެ ތެރެއިން 16 އިންސައްތަ ކުދިންނަކީ ކިޔަވަންނުދާ އަދި މަސައްކަތުގެ ދާއިރާގައި ހަރަކާތްތެރިނުވާ ކުދިންކަން ތަފާސްހިސާބުތަކުން ދައްކައެވެ. 

މަސައްކަތުގެ ދާއިރާގައި އުޅޭ ކުދިންެގެ ތެރެއިން އެންމެ ގިނަ ކުދިން ހަރަކާތްތެރިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި މޮޓޯ ވެހިކަލް މަރާމާތުކުރުމުގެ ދާއިރާގައެވެ. އެކޮމަޑޭޝަނާއި ކެއިންބުއިމުގެ ދާއިރާގައި 18 އިންސައްތަ ކުދިން މަސައްކަތްކުރާއިރު 13 އިންސައްތަ ކުދިން އުޅެނީ ދައުލަތުގެ އިދާރީ އަދި ސަލާމަތީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގައެވެ. 

ރާއްޖޭގެ ކުޑަކުދިންގެ 90 އިންސައްތައަށްވުރެ ގިނަ ކުދިންނަަކީ ތައުލީމު ހާސިލުކުރަމުންދާ ކުދިންނެވެ. އެގޮތުން 99،300 އެއްހައި ކުދިން މަދުރަސާތަކުގައި ތައުލީމު ހާސިލުކުރެއެވެ. އެއީ 48،455 އަންހެންކުދިންނާއި 50،845 ފިރިހެން ކުދިންނެވެ،. 

އެއިން 38،861 ކުދިން ކިޔަވަމުން އަންނަނީ މާލޭ ސަރަހައްދުގެ މަދުރަސާތަކުގައެވެ. އަދި 60،439 ކުދިން ކިޔަވަނީ އަތޮޅުތެރޭ މަދުރަސާތަކުގައެވެ. 

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 74 އިންސައްތަ ކުދިންނކީ މަންމަައާއި ބައްޕައާއެކު ދިރިއުޅޭ ދެ ބެލެނިވެރިން ތިބޭ ގެތަކަށް ނިސްބަތްވާ ކުދިންނެވެ. އެކަނިވެރިން މައިން ނުވަތަ ބަފައިންނާއެކު ދިރިއުޅޭ ކުދިންގެ ނިސްބަތަަކީ 22 އިންސައްތައެވެ. %2 ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ ބެލެނިވެރިޔަކު ނެތް ކުދިންނެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅު ތެރޭގައި ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 0.9 އިންސައްތައާއި 3.3 އިންސައްތައާ ދެމެދުގެ ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކާ ނުލައެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަކީ ނިސްބަތުން ކުޑަކުދިންގެ އާބާދީ ބޮޑު ގައުމެކެވެ. އެގޮތުން 2025 ވަނަ އަހަރު ރާއްޖޭގައި 131،154 ކުޑަކުދިން ތިބިކަމަށް ރެކޯޑުތަކުން ދައްކައެވެ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ 21.8 އިންސައްތައެވެ. 

ކިޔުންތެރިންގެ ހިޔާލު