ENGLISH
06 ޖުލައި 2025
އާސަންދައިން ހެލްތު ޗެކްއަޕް ހަދައިދޭން ފެށިފަހުން 4.6 މިލިއަން ރުފިޔާގެ ޗެކްއަޕް ހަދާފައިވޭ
11 މޭ 2025
|
ސަރުކާރުން އާސަންދައިގެ ދަށުން ހެލްތު ޗެކްއަޕް ހަދައިދޭން ފެށިފަހުން 4.6 މިލިއަން ރުފިޔާގެ ޗެކްއަޕް ހަދާފައިވާކަން އާސަންދައިން ހާމަކޮށްފިއެވެ.
އެމްއެމްޓީވީން އެދިގެން އާސަންދައިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ސްކޫލް ހެލްތު ސްކްރީނިން ޕެކޭޖު ބޭނުންކޮށްގެން 123 ދަރިވަރުން ފުރަތަމަ ފަހަރަށް މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އެ ކުދިންގެ މެޑިކަލް ޗެކްއަޕްތަކުގެ އަގަކީ 127،305 ރުފިޔާއެވެ.
40 އަހަރުން މަތީ މީހުންނަށް ހާއްސަކޮށް ތައާރަފުކުރި ކެންސާ ޕެކޭޖުގެ ދަށުން 300 ފިރިހެނުން އަދި 399 އަންހެނުން ކެންސަރު ސްކްރީނިން ހަދާފައިވެއެވެ. އެ މީހުންގެ ސްކްރީނިންއަށް ޖުމްލަ 619،740 ރުފިޔާ ހަރަދުވެފައިވާކަން އާސަންދައިން ހާމަކޮށްފައިވެއެވެ.
އަދި 40 އަހަރާއި މަތީގެ ފިރިހެނުންނަށް ހާއްސަ ފުރަތަމަ މެޑިކަލް ޗެކްއަޕް ޕެކޭޖު ބޭނުންކޮށްގެން 1،232 ފިރިހެނުން އަދި 1،592 އަންހެނުން އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އެ މެޑިކަލް ޗެކްއަޕްތަކަށް ޖުމްލަ 3،547،650 (ތިން މިލިއަން ފަސްލައްކަ ސާޅީސް ހަތްހާސް ހަސަތޭކަ ފަންސާސް) ރުފިޔާ ހަރަދުވިއެވެ.
އަދި 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދުމަށް ހުޅުވައިލި ފުރުސަތުގައި 642 މީހަކު މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އެ ޕެކޭޖުގެ ދަށުން ހެދި މެޑިކަލް ޗެކްއަޕްތަކަށް 268،020 ރުފިޔާ ހަރަދުވެފައިވެއެވެ.
ޖެނެރަލް އޯޕީޑީ ޑޮކްޓަރުން ބުނެގެން 642 މީހަކު 748 މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އެމީހުން ހެދި މެޑިކަލް ޗެކްއަޕްތަކަށް 74،800 ރުފިޔާ ހަރަދުވިއެވެ.
އެހެންކަމުން އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދުމަށް ހުޅުވައިލި ފުރުސަތުގައި 3،446 މީހަކު މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. ޖުމްލަ 4،805 ފަހަރު ހެދި މެޑިކަލް ޗެކްއަޕްތަކަށް 4،637،515 (ހަތަރު މިލިއަން ހަލައްކަ ތިރީސް ހަތްހާސް ފަސްލައްކަ ފަނަރަ) ރުފިޔާ ހަރަދުވިއެވެ.
އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ ހިދުމަތް ފެށީ 2024 ވަނަ އަހަަރުގެ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.