ENGLISH
19 މޭ 2025
ކުށުގެ ވެއްޓަށް ވަނުމުގެ ކުރިން ކުޑަކުދިންނަށް ރައްކާތެރިކަން ދޭންޖެހޭ: މެޑަމް ސާޖިދާ
10 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް
ޅަފުރާގައި ގާނޫނާ ހިލާފުވާ ގިނަ ކުދިންނަކީ ޅައުމުރުގައި އެކި ބާވަތްތަކުގެ ކުޝޫނަތްތެރި (ވައަލެންޓް) އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ކުދިންކަން ފާހަގަކުރައްވައި އެފަދަ ކުދިންނަށް ބޭނުންވަނީ މުޖުތަމައުގެ ހިމާޔަތާއި ރައްކާތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން މިއަދު ފެށި ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ ކުށުގެ ވެށީގައި ތާށިވާ ކުދިންނަށް ގާތުން ބަލައިލުމުން ފެންނަނީ ދެކޮޅުވެރިކަމަށްވުރެ ބޮޑަށް ލިބިފައިވާ ގެއްލުމާއި، ގަސްތުގައި ނިންމި ގޯސް ނިންމުންތަކެއްވެސް ނޫންކަމަށާއި ނަމަވެސް ފުން އަނިޔާއާއި، ނުބައި ނިޔަތަށްވުރެ ބޮޑަށް އެހީތެރިކަމެއް ނެތުންކަމަށެވެ.
އެކުދިން އެހީތެރިކަމަށް އެދިގެން މުޖުތަމައަށް ނުކުތުމުން އިހުލާސްތެރި ނިޔަނެތި އެހީތެރިންގެ ބަދަލުގައި އެކުދިންގެ އަތުގައި ހިފަނީ ކުށުގެ ތެރެއަށް އެކުދިން ވައްދާނެ އިތުރު މުޖުރިމުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ކުށްކުރާ ގޭންގުތަކުން އެކުދިންނަށް މުޖުތަމައުން ނުދިން އަމިއްލަ ޝަހުސިއްޔަތެއް ފޯރުކޮށްދޭކަމަށްވެސް މެޑަމް ވިދާޅުވިއެވެ.
މިދެންނެވި ހާލަތުގެ ބައެއް މިސާލުތައް މެޑަމް ސާޖިދާ ވިދާޅުވެދެއްވިއެވެ. މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ކުޑަކުއްޖެކެވެ. އޭނާގެ ބައްޕައަކީ މަސްތުގެ ވަބާގައި ޖެހިފައިވާ މީހެކެވެ. އަނިޔާވެރި ކުށްތަކުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފުރާވަރުގެ ކުއްޖެކެވެ. އެކުއްޖާގެ ފުރަތަމަ ހަނދާންތައް ގުޅިފައިވަނީ ގެއިން ތަހައްމަލުކޮށް ތަޖުރިބާކުރި އަނިޔާތަކާއެވެ.
މި މުޖުތަމައުގައި ވަރަށް ގިނަ ކުދިންނަށް އަނިޔާގެ އުދާސް ކުޑައިރުއްސުރެ ތަހައްމަލުކުރަން މަޖުބޫރުވާކަން ފާހަގަކުރައްވަމުން އެކަމަނާވަނީ ވިހަ މި ވަށްބުރު ނިމުމަކަށް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.
"އެކުދިން އުފަންވަނީ އަނިޔާއާއި އިހުމާލުގެ ވަށްބުރެއްގެ ތެރެއަށް. އެކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތަށް އެދުމުން ވަރަށް ގިނަފަހަރު އެކުދިންނާ ކުރިމަތިވަނީ ޖިނާއީ އަދުލުގެ ނިޒާމާ. އެހީ މިންކުރެވުނީ އަދުލުކަމަށް މުޖުތަމައުން ގަބޫލުކުރާ މިންގަނޑުން އެކުދިންނަށް އެކުދިންގެ ދިރިއުޅުމުގައި ކުރިމަތިވި އަނިޔާއަށް ބެލިގެނެއްނޫން،" މެޑަމް ވިދާޅުވިއެވެ.
އަދި މެޑަމް ގޮވައިލެއްވީ ކުށުގެ ވެއްޓަށް ވަދެ، ކުއްޖާ ކޯޓާ ހަމައަށް ވާސިލުވުމުގެ ނިޒާމުގެ ތެރެއިން އެކުއްޖާއަށް އެހީތެރިކަން ދިނުމަށެވެ. މައްސަލަތަކެއްގެ ގޮތުގައި އެ ކުއްޖާއާ މުއާމަލާތްކުރުމުގެ ކުރިން އެ ކުއްޖާއަށް ބޭނުންވާ އަޅައިލުން ދިނުމަށެވެ.
މިއަދު ކުށްވެރިންގެ ގޮތުގައި މުޖުތަމައުން ސިފަކުރާ ވަރަށް ގިނަ ކުދިންނަކީ ވިކްޓިމްސް ނުވަތަ އަނިޔާގެ ޝިކާރައަށްވީ ކުދިންކަން ގަބޫލުކޮށް، އެކުދިންނަށް ފަރުވާއާއި އަނބުރާ މުޖުތަމައަށް އިއާދަވުމުގެ މަގުތަކެއް ހައްގުވާކަން ގަބޫލުކުރަންޖެހޭކަން މެޑަމް ފާހަގަކުރެއްވިއެވެ.
14 އަހަރުގައި މަރުގެ މައްސަލައެއްގައި ފާހަގަކުރި ކުއްޖެއް އެތައް ސަތޭކަ ފަހަރެއްގެ ކުރިން އިދާރާތަކާ މުއާމަލާތްކުރިއިރު އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާކަން ފާހަގަކުރެއްވިއެވެ. ދިގު މުއްދަތަކަށް ޖިންސީ ގޯނާ ތަހައްމަލުކުރި ކުއްޖަކަށް ދައުވާ އުފުލުމުން ބޭރާއި އެތެރެއިން އައި ފިއްތުންތަކުގެ ސަބަބުން އެކުއްޖާ މިނިވަންވެ ވީއްލުނު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަަމަނާ ފާހަގަކުރެއްވީ ދަރިންގެ ތަރުބިއްޔަތުގައި އާއިލާގެ ބައިވެރިވުން ހާއްސަކޮށް ބައްޕަައިންގެ ދައުރު ފުޅާކޮށް، ކުދިންނަށް އިހުމާލުވުން ނިމުމަކަށް ގެނެސް، ޅަފުރާގައި އަނިޔާ ލިބޭ ކުއްޖާ ކުށްވެރިއަކަށްވުމުގެ ކުރިން އެ ކުއްޖާއަށް ބޭނުންވާ މަދަދާއި އެހީތެރިކަން މުއައްސަސާތަކުން ފޯރުކޮށްދޭންވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.