ENGLISH
18 މޭ 2025
އައިއެމްސީޓީސީން ވާޢިޡުންނާއި އިމާމުންނަށް ހިންގި ތަމްރީނު ޕްރޮގުރާމު ނިންމާލައިފި
10 މޭ 2025
|
އައިއެމްސީޓީސީގެ ތަމްރީނު ޕްރޮގުރާމުގެ ބައިވެރިންނާއި ކޯލިޝަނުގެ ވެރިން، ފޮޓޯ: އައިއެމްސީޓީސީ
އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ރާއްޖޭގައި ކުރިއަށްގެންދިޔަަ ވާޢިޡުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމު ނިންމާލައިފިއެވެ.
މި ޕްރޮގުރާމަކީ ނިރުބަވެރިކަމާއި ހަރުކަށި ހައްދުފަހަނައެޅި ފިކުރުތަކުން މުޖުތަމައު ސަލާމަތްކުރުމުގައި ވާޢިޡުންނާއި އިމާމުންނަށް ބޭނުންވާ މައުލޫމާތުތަކާއި ހުނަރުތައް ފޯރުކޮށްދިނުމަށް ހިންގި ޕްރޮގުރާމެކެވެ. ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ބޭއްވި މި ތަމްރީނުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ އިމާމުންނާއި ވާޢިޡުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މޭ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ހިންގި މި އިސްތިރާޖީ ޕްރޮގުރާމަކީ އައިއެމްސީޓީސީގެ ވަސާތާ ޕްރޮގުރާމުގެ ތެރެއިން ހިންގި ހަރަަކާތެކެވެ.
މި ހަރަކާތް ނިންމައިލުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ ދިފާއީ ބާރުގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންފައިވާއިރު ސަރުކާރުގެ އެކި އިދާރާތަކުގެ މަންދޫބުންނާއި މަތީ ފަންތީގެ މަސްއޫލުވެރިންނަށް މުހިއްމު ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގުރާމުގެ ބައިވެރިން ފާހަގަކުރި ގޮތުގައި މި ޕްރޮގުރާމުގެ އިންތިޒާމުތައް ފުރިހަމަވެފައި އެކި ކިލާސްތަކުގައި ފޯރުކޮށްދިން މައުލޫމާތުތައް މުއްސަނދިވެފައި މުހިއްމެވެ. އެގޮތުން ޓެރަރިޒަމްއަށް ހިއްވަރުލިބޭ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތާއި، މުޖުތަމައާ ރަނގަޅު ގޮތުގައި މުވާސަލާތުކުރާނެ ގޮތާއި، ވާހަކަދެއްކުމުގެ ހުނަރުތަކާއި ދީނީ ވާހަކަތައް ދެއްކުމުގައި ތިލަފަތް ހަމަ މެދުމިން އުސޫލުތައް ނެގެހެއްޓޭނެ ގޮތްތަކާ ގުޅޭ މައުލޫމާތު މި ޕްރޮގުރާމުގައި ފޯރުކޮށްދީފައިވެއެވެ.
މިއީ އިލްމު ބަދަލުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އައިއެމްސީޓީސީގައި ބައިވެރިވާ ދައުލަތްތަކުގެ މެދުގައި އެކުވެރި އިސްތިރާޖީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދެވުނު ޕްރޮގުރާމެކެވެ.
އިލްމު ބަދަލުކުރުމުގެ މިފަދަ ޕްރޮގުރާމުތަކުގެ އަނެއް ބޭނުނަކީ ހައްދުފަހަނަައެޅި ވިސްނުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި ހައްލުތައް ހޯދުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ގައުމުތަކުގައި ބިނާކުރުމެވެ.