ENGLISH
19 މޭ 2025
"މޯލްޑިވްސް 2.0" ދައުލަތުގެ ހިދުމަތްތަކަަށް މުޅިން އައު ޒަަމާނެއްގެ އަލިވުލުން
10 މޭ 2025
|
މޯލްޑިވްސް 2.0 މަޝްރޫއަށް އެހީތެރިވެދޭ އެސްޓޯނިއާގެ މާހިރުންގެ ޓީމާއެކު ރައީސް ޑރ.މުއިއްޒާއި ސަރުކާރުގެ އިސްވެރިން، ފޮޓޯ: ރައީސް
"ދިވެހިރާއްޖެ 2.0" ނުވަތަ "މޯލްޑިވްސް 2.0" އަކީ ދިވެހިރާއްޖެ ޑިޖިޓަލް ޒަމާނެއްގެ ތެރެއަށް ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ފަށާ ދަތުރެއްގެ ނަމެވެ. އެއީ ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ލުއިފަސޭހަކަމާއެކު، އިތުބާރާއި ޔަގީންކަން އޮންނަ ގޮތަށް ހުރިހާ ހިދުމަތްތަކެއް ހަލުއިކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފަށާ މަސައްކަތެކެވެ.
މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ މިހާރު ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވާ އިދާރީ ދަތިތަކާ ހުރަސްތައް ނެތިކޮށްލުމެވެ. އަދި ދެފުށް ފެންނަ ގޮތަކަށް ހިދުމަތްތައް ދެވޭނެ އިންތިޒާމުތައް ތަރުތީބުކޮށްގެން، ސަރުކާރާއި ދައުލަތުގެ ތެރެއިން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމެވެ. އަވަހަަށް ފަސޭހައިން ބޭނުންވާ މައުލޫމާތުތައް ހޯދޭނެ މަގުތައް ފަހިކުރުމެވެ.
ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އިއްޔެއަކު މިއަދަކު ފެށުނު މަސައްކަތެއް ނޫނެވެ. ހުރިހާ މުއައްސަސާތަކުންވެސް އަންނަނީ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަގުސަދު ހާސިލުކުރުމަަށް އެ މުއައްސަސާއެއްގެ ދާއިރާގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ. ވަކިވަކި މުއައްސަސާތަކުން އެ މުއައްސަސާތަކުގެ ހިދުމަތްތައް ޑިޖިޓަަލައިޒްކުރުމަށް އަންނަނީ ޕޯޓަލްތަކާއި ޕްލެޓުފޯމުތައް ގާއިމުކުރަމުންނެވެ.
ސަރުކާރުން މައުލޫމާތު ދެއްވި ގޮތުގައި ދައުލަތުގެ އެކި އިދާރާތަކުން އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް 200 އެއްހައި ޕޯޓަލް ގާއިމުކޮށްފައިވެއެވެ. ބައެއް ޕޯޓަލުތައް މިހާރުވެސް ބޭނުންކުރަމުން އަންނައިރު އެއިން އަނެއްބައި ޕޯޓަލަކީ ވުޖޫދުކުރުމަށްފަހު ބޭނުންކުރެވޭނެ ގޮތްތަކެއް ނެތިގެން މިހާރު ބޭނުންނުކުރާ ޕޯޓަލުތަކެވެ.
ވަކިވަކި މުއައްސަސާތަކުން މިގޮތަށް ވަކިން ޕޯޓަލުތައް ގާއިމުކުރަމުން އައުމުގެ ސަބަބުން އެއް ހިދުމަތެއް ހޯދުމަށް އިދާރާއަކަށް ފޯރުކޮށްދޭ މައުލޫމާތު، އިތުރު އެހެން މުއައްސަސާއަކުން އެހެން ހިދުމަތެއް ހޯދުމަށް އަލުން އެ އިދާރާގެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭންޖެހެއެވެ.
ސަބަބަކީ މި ޕޯޓަލުތަކުގެ މެދުގައި މުވާސަލާތުކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. މިސާލަކަށް ވަންްގަވް މެދުވެރިކޮށް ހިދުމަތެއް ހޯދުމަށް ހުށަހަޅާ މައުލޫމާތު ފަހުން ޓްރޭޑިއަން ޕޯޓަލުން ދޭ ހިދުމަތެއް ހޯދަން ހުށަހަޅަންޖެހޭނެއެވެ. އެއް ޕޯޓަލަށް މައުލޫމާތު ހުށަހެޅުމުން މުޅި ދައުލަތުގެ ނިޒާމުގެ ތެރެއަށް އެ މައުލޫމާތެއް ވައްދައި ދައުރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި ނެތެވެ.
މިދެންނެވި ސަބަބުތަކަށްޓަކައި މިވަގުތު ދިވެހި ދައުލަތުގެ ހިދުމަތްތައް ޑިޖިޓައިޒްކުރުމަށް އެންމެ މުހިއްމު އަދި ބޮޑު މަސައްކަަތަކަށް އޮތީ މިދެންނެވި ޕޯޓަލްތަަކާއި މަަންސަތަކުގެ މެދުގައި މުވާސަލާތުކުރެވޭނެ ފަށަލައެއް ގާއިމުކުރުމެވެ. އެ ފަށަލަ ގާއިމުކުރެވުމުން އެއިން ކޮންމެ ޕޯޓަލަކަށް ފޯރުކޮށްދޭ މައުލޫމާތުވެސް އެ ޕޯޓަލު ގާއިމުކުރި އިދާރާ ފިޔަވައި އެހެނިހެން އިދާރާތަކަށްވެސް ލިބޭނެއެވެ. އެއިރުން ދެވަނަ ފަހަރަށް އެ މައުލޫމާތެއް ފޯރުކޮށްދޭންނުޖެހޭނެއެވެ.
މިހާރު ހިދުމަތްތައް ފޯރުކޮށްދޭން ޑިޖިޓަލް މަންސަތައް ގާއިމުކޮށްފައި ހުރި ނަމަވެސް ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމުތައް އޮތީ ކުރިއެެކޭވެސް އެއްގޮތަށް އެނަލޮގްކޮށް ނުވަތަ ލިޔެކިޔުމުން ކަންކަން ހިންގައިގެން މުވައްޒަފުން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ނޫނީ ހިދުމަތް ފޯރުކޮށްނުދެވޭ ކަހަލަ ގޮތަކަށެވެ. އެހެންކަމުން ދައުލަތުގެ ހިދުމަތްތައް ސްމާޓެއް ނޫނެވެ.
ސްމާޓު ދައުލަތަކަށް ދައުލަތުގެ މުއައްސަސާތައް ބަދަލުވުމުން، ފަސޭހައިން ހިދުމަތް ލިބޭނެއެވެ. އޮންލައިންކޮށް ނުވަތަ ފިޒިކަލްކޮށްވެސް ކިއުތަކުގައި ޖެހިގެން ތިބެންނުޖެހި އަވަހަަށް ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެހޭނެއެވެ. ކޮމްޕިއުޓަރަކުން ނުވަތަ ސްމާޓު ފޯނަކުން ފިތްތަކަށް އޮއްބާލައިގެން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖެހޭނެއެވެ. އޮންލައިންކޮށް ފޯމެއް ފުރައިލުމުން އެ ފުރައިލެވޭ ފޯމު ޕްރޮސެސްކުރެވި ހިދުމަތަށް ބޭނުންވާ މައުލޫމާތު ފުރިހަމަވެފައިވާކަން ކަށަވަރުވުމުން އެ ހިދުމަތެއް ވަގުތުން ލިބިގެންދާނެއެވެ.
"ޑިޖިޓަލް ނަމަވެސް ފިޒިކަލް ނަމަވެސް ކިއުގައި ޖެހެންނުޖެހި މަދު ކުލިކަކުން ހުރިހާ ހިދުމަތެއް ލިބޭނެ ގޮތަށް ޑިޒަައިންކޮށް ފަރުމާކޮށް އެގޮތަށް އަޅުގަނޑުމެންގެ ހިދުމަތްތައް ބައްޓަންކުރެވުން،" މޯލްޑިވްސް 2.0 ގެ ތައާރަފެއް ދެއްވަމުން ޓްރޭޑް ނެޓުގެ އެމްޑީ ސައީދާ އުމަރު ވިދާޅުވިއެވެ.
ސްމާޓު ދައުލަތަކަށް ދައުލަތް ބަދަލުވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހި ޖިއޮގްރަފީގެ ގޮތުން ޖަޒީރާތަކަކަށް ބެހިފައި ތިބި ނަމަވެސް ޑިޖިޓަލް ވިއުގައަކުން ލާމެހިފައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އޮފީހަކުން ނުވަތަ އިދާރާއަކުން ހިދުމަތެއް ހޯދުމަށް ދަތުރުކުރަންނުޖެހި އެ ހިދުމަަތެއް ހަލުއިކޮށް ލިބޭނެކަން ކަށަވަރުކުރެވުމަކީ "މޯލްޑިވްސް 2.0"ގެ އެެންމެ މުހިއްމު އެއް ނަތީޖާއެވެ.
މޯލްޑިވްސް 2.0 ބިނާވަނީ ފިކުރުތަކެއްގެ މައްޗަށެވެ. އެ ފިކުރުތަކަކީ މަބްދައުތަކެއް ނުވަތަ އުސޫލުތަކެކެވެ. އެ އުސޫލުތަކުގެ މައްޗަށް ބިނާކުރެވޭ ޑިޖިޓަލް މަންސަތަކުން ހާސިލުވާނެ ނަތީޖާ އެ އުސޫލުތަކަށް ބަލައިލުމުން ސާފުވާނެއެވެ. މައިގަނޑު ގޮތެއްގައި މޯލްޑިވްސް 2.0 ގެ އުސޫލުތަކަކީ:
ހ- ދެފުށް ފެންނާނެ ގޮތަށް ފަރުމާކުރުން
މޯލްޑިވްސް 2.0 ގެ ތެރެއިން ފަރުމާކުރެވި ގާއިމުކުރެވޭ ޑިޖިޓަލް މަންސަތަކަކީ ދެފުށް ފެންނަ ނިޒާމުތަކެއް ކަމުގައި ވާނެއެވެ. އެ ނިޒާމުތަކަކީ އޮޑިޓުކުރެވޭ ނިޒާމުތަކަކަށްވާތީ ކޮރަޕްޝަނަަށް ހުޅުވިފައި ހުރި ފުރުސަތުތައް ހަނިކުރެވޭނެއެވެ. އަދި ހިދުމަތް ހޯދުމަށް ފޯމު ހުށަހެޅުން ޑިޖިޓަަލައިޒްކުރުމުގެ ބަދަލުގައި މުޅި ހިދުމަތް ޑިޖިޓަލައިޒްކުރެވުމުގެ ސަބަބުން ހިދުމަތް ދިނުމުގައި އިންސާނުންގެ ނުފޫޒު އޮންނަ މިންވަރު ކުޑަކުރެވި ފަސާދަކުރުމަށް އޮންނަ ޖާގަ ހަނިވާނެއެވެ.
ށ- އެންމެންނަށް ޝާމިލުވެވޭ ނިޒާމުތަކެއް
ޑިޖިޓަލް ނިޒާމުތައް ބައްޓަންކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ބިދޭސީ ބަސްތައް ނުދަންނަ މީހުންނާައި އުމުރުން ދުވަސްވީ މީހުންނަށްވެސް ދަތިތަކެއް ނެތި ހިދުމަތް ލިބޭނެ ގޮތަށް ޑިޖިޓަލް މަންސަތައް ބައްޓަންކުރުމަކީ ދިވެހިރާއްޖެ 2.0 ގެ އެންމެ މުހިއްމު އެއް އަމާޒެވެ.
ނ- މުޅި ސަރުކާރު ގުޅިގެން ކުރާ މަސައްކަތެއް
މިހާރު އެކި އިދާރާތަކުން އެއިން ކޮންމެ އިދާރާއެއްގެ ހިދުމަތްތަކަށް ހާއްސަކޮށްގެން ވަކިވަކި ޕޯޓަލްތަކެއް ގާއިމުކުރުމުގެ ބަދަލުގައި ހިދުމަތް ދޭ މަންސަތައް ގާއިމުކުރުމަކީ މުޅި ސަރުކާރު ބައިވެރިވާ ސަރުކާރުގެ ހުރިހާ އިދާރާތަކެއް ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ފަރުމާކުރެވިގެންދާނެއެވެ.
ރ- ރައްޔިތުންގެ ބޭނުންތައް ނާރެހުގައި ބޭއްވުން
ޑިޖިޓަލް ހިދުމަތްތައް ބައްޓަންކުރާނީ ރައްޔިތުންނަށް އިސްކަންދީގެންނެވެ. މާނައަކީ ހިދުމަތްތައް ބައްޓަންކުރުމުގައި އެ ހިދުމަތް ހޯދާ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ އަދި ރައްޔިތުން އެންމެ ބޭނުންވާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެގޮތްތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާ ނިޒާމުތައް ފަރުމާކުރެވި ބައްޓަންކުރެވުމެވެ.
ބ- ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކުރުން
މޯލްޑިވްސް 2.0 ގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ޑިޖިޓަލް މަންސަތަކުން އެއްކުރެވޭ މައުލޫމާތު ބެލެހެއްޓެނީ ރައްކާތެރިކަމާއެކުކަން ކަށަވަރުކުރެވޭނެއެވެ. އަދި ޑިޖިޓަލް މަންސަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމުކުރަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތަކެއް އެންމެ ފުރިހަމަ ގޮތުގައި ގާއިމުކުރެވިގެންދާނެއެވެ. ރައްޔިތުންގެ މައުލޫމާތުގެ ރައްކާތެރިކަން އޮންނާނޭކަމުގެ ފުރިހަމަ އިތުބާރު ރައްޔިތުންނަށް ލިއްބައިދެވޭނެއެވެ.
ޅ- ކަނޑައެޅޭ މިންގަނޑެެއްގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދިނުން:
ސަރުކާރުން ކަނޑައަޅާ އަމާޒުތައް ހާސިލުކުރުމުގެ މަސައްކަތް އެ ކަނޑައެޅޭ މުހުލަތުތަކުގެ ތެރޭގައި ކަނޑައެޅޭ ފެންވަރަށް ފޯރުކޮށްދިނުމަކީ "މޯލްޑިވްސް 2.0"ގެ އަމާޒެވެ. މި އަމާޒުތައް މިހާރު ކުރިއަށްދާ މޯލްޑިވްސް 2.0 ސަމިޓު ނިމިގެންދާއިރު އެކުލަވައިލާ މަގުޗާޓުގައި ބަޔާންކުރެވިގެންދާނެއެވެ. އެ މަގުޗާޓުގައި ބަޔާންކުރާ މުހުލަތުތަކުގެ ތެރޭގައި އެ މުއްދަތުތަކުގައި ނިންމަން ކަނޑައަޅާ މަސައްކަތްތައް ނިމޭކަން ކަށަވަރުކުރުމަކީ މުޅި މި މަސައްކަތުގެ ކާމިޔާބު އެ މައްޗަށް ބިނާވާނެ އެއް ތަނބެވެ.
ރޭ ފެށުނު ސަމިޓަކީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްކުރަންޖެހޭނެއެވެ. ގާނޫނުތައް ހަދަންޖެހޭނެއެވެ. ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މިންގަނޑުތަކާއި އޮނިގަނޑުތައް އެކުލަވައިލަންޖެހޭނެއެވެ. އެ އެކުލަވައިލެވޭ މިންގަނޑުތަކާ އެއްގޮތަށް ޒަމާނީ ފެންވަރުގެ ބިނާރުތައް ގާއިމުކުރަންޖެހޭނެއެވެ. ހިދުމަތްތައް އިތުބާރާއެކު ދެވޭނެހެން މައުލޫމާތު ރައްކާކުރެވޭނެ ނިޒާމުތައް ގާއިމުކުރަންޖެހޭނެއެވެ. ރާސްތާ ދިގެވެ. ކުރަންް ހުރި މަސައްކަތްތައް ގިނައެވެ. ނަމަވެސް ގައުމީ ފެންވަރުގައި މުޅި ދައުލަަތް އެއް އަމާޒަކަށް މިފަށާ ދަތުރުގެ މަންޒިލް މަގުސޫދަކީ ޑިޖިޓަލް ސްމާޓް ދިވެހިރާއްޖެއެކެވެ.