ENGLISH
19 މޭ 2025
މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައިދޭން ސައުދީން ނިންމައިފި، ހައްޖުވެރިންނަށް ބޮޑު ފަސޭހައެއް
10 މޭ 2025
|
ދިވެހި ހައްޖުވެރިންނަށް މައްކާ އިނިޝިއޭޓިވްއިން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ، ފޮޓޯ: އަވަސް
ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގަައި ރާއްޖެ ހިމެނުމަށް އެ ގައުމުން ނިންމާފައިވާކަމަށާއި، އެކަމުގެ ސަބަބުން ހައްޖުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ޑރ.ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާ އިނިޝިއޭޓިވްގައި ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެގެން ފުރިހަމަކުރުމަށްފަހު ހައްޖަށް ފުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
ޝަހީމު ވިދާޅުވީ އެގޮތަށް އިމިގްރޭޝަނާ ގުޅޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ފުރިހަމަކުރުމަށްފަހު ހައްޖަށް ދެވުމުން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ހޮޓަލަށް ދިވެހި ހައްޖުވެރިންނަށް ދެވުން ކަމަށެވެ. އަދި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަންވެސް ފަސޭހަވާނެ ކަމަށާއި، ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންދެވޭނެ ކަމުގައި ޝަހީމު ވިދާޅުވިއެވެ.
" މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް. ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށް. ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް،" ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމުވަނީ މި ފުރުސަަތު ދިވެހިރާއްޖެއަށް ފަހިކޮށްދެއްވީތީ ސަައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރ ޑރ.ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސުޢޫދު އާލްސަޢޫދަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އަދި މިކަމުގައި އިސްލާމިކް މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ސަފާރާއާއި އެ ގައުމުގެ އިސްލާމިކް މިނިސްޓްރީއަށްވެސް ޑރ.ޝަހީމް ޝުކުރު އަދާކުރަައްވާފައިވެއެވެ.
މިނިސްޓަަރު ވިދާޅުވި ގޮތުގައި މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ސަައުދީ ސަރުކާރުގައި ދެންނެވީ މީގެ ދެމަސްކުރިންނެވެ. އަދި އެކަމަށް އެދިވަޑައިގަތީ އެ އިނިޝިއޭޓިވްއާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއާއެކު ކުރެވުނު ދިގު މަޝްވަރާތަކަށްފަހު ކަމުގައިވެސް ވިދާޅުވިއެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެއް. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުން. ރާއްޖޭގެ ޙައްޖުވެރިންނަށް މި ލިބުނީ ތާރީޚީ ފަސޭހަކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ތަހުނިޔާ އަރިސްކުރަން.،" މިނިސްޓަރު ވިދާޅުވިއެވެ.
ޑރ.ޝަހީމުވަނީ މި އިނިޝިއޭޓިވްގެ ދަށުން ދިވެހި ހައްޖުވެރިންނަށް ލިބޭނެ ހިދުމަތްތަކާއި ލުއިފަސޭހަތަކުގެ ތަފުސީލުވެސް ހާމަކުރައްވާފައެވެ. އެއީ:
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
ސައުދީ އަރަބިއްޔާގެ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމުގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ވަރަށް ގިނަ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މިއީ ހައްޖަށް ދާ ދިވެހިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެ ހައްޖުގެ އަޅުކަމުގެ ތަކުލީފުތައް ކުޑަވާނެ ކަމެކެވެ.