ENGLISH
19 މޭ 2025
އިދިކޮޅަށް ރައީސްގެ ސުވާލެއް؛ "ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތާ ދެކޮޅުވަނީ ކީއްވެ؟"
10 މޭ 2025
|
"މޯލްޑިވްސް 2.0" ސަމިޓުގައި އެސްޓޯނިއާގެ މާހިރަކާއެކު ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ދިވެހި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެކުލަވައިލައްވާފައިވާ ގައުމީ ތަސައްވުރު "ދިވެހިރާއްޖެ 2.0" އާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ސަރުކާރުން ފެށުމުން އެކަމާ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާ ސަބަބަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ.
ހާމަކަންބޮޑު ގޮތެއްގަައި ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދީ، ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުއިކޮށް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ކޮރަޕްޝަނާއި ފަސާދައަށް ފަހިވާ ގޮތަށް ނިޒާމުގެ ތެރޭގައި ހުރި ކަންކަން އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި "ދިވެހިރާއްޖެ 2.0"އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އީ-ވޯޓިން މެދުވެރިކޮށް ވޯޓުލާ ގޮތަށް ނިޒާމު ބަދަލުކޮށް އިންތިހާބުން ވައްކަންކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް އެ ސިޔާސަތު ތަންފީޒުކުރުން މަތިކޮށްފައިވާ ވުޒާރާކަމަށްވާ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާނުވަނީ "ދިވެހިރާއްޖެ 2.0"ގެ ތެރޭގައި އީ-ވޯޓިން ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
އިދިކޮޅުގެ ފާޑުކިޔުންތަކާ ގުޅިގެން އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ ކޮރަޕްޝަން ނައްތައިލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެެކަމާ ދެކޮޅުހަދަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
އަދި "ދިވެހިރާއްޖެ 2.0"އާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު އެ ޕޯސްޓުގައި ވަރަށް ތަފުސީލުކޮށް ރައީސް ބަޔާންކޮށްދެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ ސިޔާސަތަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަށް އެޅިގެންދާ އެންމެ ބޮޑު ފިޔަވަޅަށްވާނެ ކަމަށެވެ.
އަދި އެއީ ކޮންމަ ރައްޔިތަކަށް އެރައްޔިތަކާ ގުޅުންހުރި މައުލޫމާތުގެ ފުރިހަމަ ކޮންޓުރޯލާއި ބާރުވެރިކަން ލިއްބައިދީ، ދެފުށް ފެންނަ އަވަސް، ލުއި ފަސޭހަ ހިދުމަތުގެ ފެންވަރު މަތި ނިޒާމަކަށްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ނިޒާމުގެ ސަބަބުން ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ މިހާރަށްވުރެ އެތައް ގުނައެއް މަތިވެ، ޕްރެސް ފްެީންޑަ އިންޑެކްސްގައިވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނީ މި ނިޒާމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއީ ރައްޔިތުން ވާސިލުވާން ބޭނުންވާ އަމާޒުކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް ކުރާ ދަތުރުގައި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާއެކު ރައްޔިތުން ބައިވެރިކޮށްގެން ކަމަށެވެ.
އަދި ޑިޖިޓަލައިޒޭޝަންގެ އަމާޒު ހާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސްވަނީ ގޮވައިލައްވާފައެވެ.