ENGLISH
19 މޭ 2025
އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް: ރައީސް
10 މޭ 2025
|
ރައީސްގެ ދެކަނބަލުން، ކުޑަކުދިންތަކަކާ ޢީދު ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް ކަމަށް، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ ގޭތެރެއިންނާއި މަގުމަތީންނާއި އަދި މިނޫން ކޮންމެ ތަނަކުންވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ ރީތި މާޙައުލެއް ކުޑަކުދީންނަށް ދެއްކުމަށްވެސް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއް ބިނާކޮށް، އެ ދަރީންގެ ކޮނޑުމަތީ މި ޤައުމުގެ މަޖުދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ ޤައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްޞަ މުނާސަބާއެއް ކަމަށެވެ. އެހެނީ މިދުވަހަކީ، މުސްތަޤުބަލުގައި މިޤައުމުގެ ކަންކަމާ ހަވާލުވާން ތައްޔާރުވަމުންދާ ކުދިންތަކެކެވެ. އެކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައި ކަމާއި، އެ ކުއްޖާގެ އުޅުމާއި ޢަޤީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް ޙަޤީޤަތެއް ކަމެވެ. އެހެންކަމުން އެކުދީންގެ މިޒާޖުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑެތި މީހުންނާމެދު އެކުދިން ދެކޭނީ ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައިވަނީ، ކުޑަކުދީންނަށްވެސް ވަރަށް އަގުހުރި ނަޞޭޙަތްތަކެއް ދެއްވާފައެވެ. އެގޮތުން، މިއީ އެކުދިންގެ ޢުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމަށާއި، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ އަނެއް ދުވަސް ކާމިޔާބު ކުރުމަށް ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު، ކުޑަކުދީންނަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. މީގެ އިތުރުން، ދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ފަރުޟު ފަސް ނަމާދު ކުރުމަށާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށްވެސް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގަތެވެ.
ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށާއި، ހިތްތަކުގެ ހަމަޖެހުން ކަމަށާއި ޤައުމުގެ ދެމިއޮތުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަޤީންކަން ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ޚިޠާބު ނިންމާލައްވާފައި ވަނީ، ކޮންމެ އަހަރެއްގެ މި ދުވަސްވެސް، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމާއެކު، އަބަދުމެ ބައްދަލުވަމުން ދިއުމަށާއި ދިވެހި ކޮންމެ ކުޑަކުއްޖަކަށް ތޫނުފިލިކަމާއި، ދުޅަހެޔޮކަމާއި، ރައްކައުތެރިކަން މާތްﷲ މިންވަރު ކުރައްވައި، އުޖާލާ މުސްތަޤްބަލެއް ދެއްވުމަށް އެދި ދުޢާކުރައްވަމުންނެވެ.