ENGLISH
10 މޭ 2025
ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވިދާޅުވެވުނު ކުށެއް އިސްލާހު ކުރައްވާ ރަނގަޅު ގޮތް ހިއްސާ ކުރައްވައިފި
10 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިރޭ ވިދާޅުވެވުނު ކުށެއް އިސްލާޙު ކުރައްވާ ރަނގަޅު ގޮތް އެމަނިކުފާނު ވިދާޅުވެ ދެއްވައިފި އެވެ.
އެކަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، ބަދަލުކުރުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިތަނުގައި މިއަދު ކަނޑަނޭޅި ނަމަވެސް، އެމަނިކުފާނުގެ އުންމީދަކީ، އެންމެން ގުޅިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކާމިޔާބުކުރެވޭ މިންވަރަކުން, 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ވާރކް ފްރޮމް ހޯމް، ނުވަތަ ގޭގައި ތިބެގެން، މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށެވެ. އެއީ ޤާނޫނީ އުޞޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ދެން ވިދާޅުވެވުނީ ހަފްތާއަކު 30 ގަޑިއިރު، ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެތެރޭގައި ހިމެނޭ ގޮތަށް ކަމަށެވެ.
ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނު ވިދާޅުވާން އުޅުއްވީ "މަހަކު 30 ގަޑިއިރު" ކަމަށެވެ.
"... ނަމަވެސް ދެންނެވުނީ 'ހަފްތާއަކު 30 ގަޑިއިރު'. އެހެން ކަމުން، ވަރަށް މަޢާފާއެކު، އެކަމުގެ ރަނގަޅު ގޮތް ދަންނަވާލަން. ބާއްޖަވެރި ރެއަކަށް އެދެން," ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.