ENGLISH
10 މޭ 2025
ރައީސްގެ އަމާޒް: 2028 ގެ ނިޔަލަށް ވޯރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން
09 މޭ 2025
|
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 މިރޭ ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، ބަދަލުކުރުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 މިރޭ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް އެމަނިކުފާނު އުންމީދު ކުރައްވަނީ 2028 ވަނަ އަހަރާ ހަމައަށްދާއިރު އެވެ.
ރާއްޖެ ޑިޖިޓަލައިޒޭޝަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އޮފީހުގައި ތިބެގެން ޚިދުމަތްދޭން ތިބޭ މީހުންގެ އަދަދު މަދުކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
"2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ 49,000 މުވައްޒިފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވޯކް ފްރަމް ހޯމް -- ގޭގައި ތިބެެގެން މަސައްކަތް ކުރާ ގޮތަކަށް ބަދަލު ކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ މުވައްޒިފުން މަސައްކަތް ކުރާނީ ހަފްތާއަކު ވަކި މިންވަރެއް އޮފީހުގައި ތިބެން ޖެހޭ ގޮތަކަށެް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޮންމެހެން ނިކުންނަން ޖެހޭ މުވައްޒިފުންނަށް ބަދަލެއް ނާންނާނެ ކަމުގައި ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ބަދަލާއެކު ނަތީޖާ ރަނގަޅުވާނެ ކަމަށެވެ. ޚަރަދު ކުޑަކުރުވުމާ އެކު އެކަމުން އިތުރު އެތައް ފައިދާތަކެއް ވެސް ލިބޭނެ ކަމުގައި ވިދާޅުވި އެވެ. ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް އަވަސް ކުރެވި ހަލުވި ވުމާ އެކު ރައްޔިތުންގެ ޙައްގުތައް އިތުރަށް ކަށަވަރު ކުރެވޭ ކަމުގައި ވިދާޅުވި އެވެ.
އަދި ތޮއްޖެހުމާއި ޓްރެފިކް ކުޑަކުރެވި ތިމާވެށީގެ ގޮތުން ބެލި ނަމަވެސް ލިބޭނެ ފައިދާތައް ހުންނާނެ ކަމުގައި ވިދާޅުވި އެވެ.