ENGLISH
10 މޭ 2025
ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު މަޤްސަދަކީ ޤައުމުން ކޮރަޕްޝަނުގެ ވަބާ ނައްތާލުން: ރައީސް
09 މޭ 2025
|
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު މަޤްސަދަކީ ޤައުމުން ކޮރަޕްޝަނުގެ ވަބާ ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 މިރޭ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢު އަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރާ ދަތުރުގެ ފެށުން ކަމަށެވެ.
އެމަނިކުފާނުގެ ތަސައްވުރަކީ 2040 ވަނަ އަހަރުގެ ކުރީން ރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވުން ކަމުގައި ވިދާޅުވި އެވެ. އެ އަމާޒަށް ވާސިލުވުމަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކާއި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަމާއި ބަދަލު ކުރަން ޖެހިފައިވާ ވަރަށް ގިނަ ނުރަނގަޅު އާދަތައް ހުރިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ މުޖްތަމަޢުގައި އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަން ކަމަށާއި "މޯލްޑިވްސް 2.0" މަޝްރޫއުގެ އެންމެ ބޮޑު އަމާޒަކީ ވެސް ކޮރަޕްޝަންގެ ވަބާ އިން ޤައުމު ސަލާމަތް ކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަންގެ ވަބާ. އެއީ ދެބަސް ނުވެވޭނެ ހަޤީޤަތެެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް އެ ވަބާ އޮތް މިންވަރު ފެންނަން އެބައޮތް ކަމަށެވެ. ޚާއްސަކޮށް ޚިދުމަތް ދިނުމުގައި ހުރި މައްސަލަތައް ފާހަގަ ކުރެއްވި އެވެ.
މިރޭ ފެށުނު މަޝްރޫއުގެ ދަށުން ރާއްޖެ ޑިޖިޓަލައިޒް ކުުރުމަށް މުހިންމު މަސައްކަތްތަކެއް ކުުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑިޖިޓަލައިޒް ކުރެވޭ މިންވަރަކުން ކޮރަޕްޝަންގެ ވަބާ ކުޑަކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަމިއްލަ ނަފްސު އިސްކުރެވޭ ކަންކަމުގައި ގޯސް ހެދޭ ފަހަރު ވަރަށް ގިނައިން އަންނަ ކަމަށާއި ޑިޖިޓަލައިޒު ކުުރުމުން އެފަދަ ގޯސްތައް ހުއްޓުވޭނެ ކަމަށެވެ. "މޯލްޑިވްސް 2.0" މަޝްރޫއުން ޚިދުމަތުގެ ނިޒާމު ވަރުގަދަ ކުރެވި ކަންކަމުގައި ނަތީޖާ ހާސިލު ކުރެވޭ މިންވަރު އިތުރުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަޝްރޫޢުގެ ދަށުން އައިޑީކާޑުގައި ޑިޖިޓަލައިޒް ސާވިސްތައް ހިމެނި އެކަމުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބި ގިނަ މައްސަލަތަކަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޚިދުމަތްތައް ޑިޓިޖަލައިޒު ކުުރުމުގެ އެންމެ ބޮޑު ނަމޫނާއެއް ފެންނަން އޮތީ އެސްޓޯނިއާ އިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ޤައުމުން ހޯދާފައިވަނީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެ ގޮތުން އެސްޓޯނިއާ ހިމެނިފައި ވަނީ ކޮރަޕްޝަން މަދު ޕްރެސް ފްރީޑަމްގައި އެންމެ ފާހަގަކޮށްލެވޭ ޤައުމަކަށް ކަމަށް ވިދާޅުވި އެވެ. އެއީ އިއްތިފާޤަކުން ލިބިފައިވާ ކާމިޔާބެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖެ އަކީ އެ ފަދަ ޤައުމަކަށް ވުން ކަމުގަ އެވެ.
"އަޅުގަނޑުވެސް ބޭނުން ދިވެހި ރާއްޖެ ވެސް އެތައް ދަރަޖައެއް މައްޗަށް ކުރިއަށް އޮތް އަހަރުތަކުގައި ގެންދަން. މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތު ލިބި ދިނުމުގައި، ޕްރެސް ފްރީޑަމްގައި އެތައް ދަރަޖައެއް ރާއްޖެ ރަނގަޅު ކުރުމަށް މަތި ކުރަން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ "މޯލްޑިވްސް 2.0" މަޝްރޫޢު ފެއްޓެވީ މި ގައުމަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ މައުލޫމާތު ފަސޭހައިން ލިބޭ ޒިންމާދާރުކަމާ އެކީ ޚިދުމަތްދޭ ވަރަށް އަވަހަށް އަވަސް މިނުގައި ޚިދުމަތްދޭ ޤައުމަކަށް ވުމުގެ އަޒުމުގައި ކަމަށެވެ. އެ އަމާޒަަށް ވާސިލުވުމަށް ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަށް ދިއުމަށް ހަމައެކަނި ބޭނުންވަނީ ބޮޑެތި އިމާރާތްތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އަތްލެވޭ އުމްރާނީ ތަރައްޤީގެ ވަސީލަތްތައް ހުންނަން ޖެހޭ ފަދައިން އެ ޤައުމަކީ ކޮރަޕްޝަން ނައްތާލެވިފައިވާ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެވި ދެފުށް ފެންނަ ނިޒާމެއް އޮތް ޤައުމަށް ހެދުން މުހިންމު ކަމަށެވެ.
ޤައުމަށް ހެޔޮ އެދޭ ބަޔަކުނަމަ ކަންކަން ކުރާނީ އެގޮތަށް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު އެ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.