ENGLISH
10 މޭ 2025
ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
09 މޭ 2025
|
ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކުުރުން -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.
އެ މަޝްރޫއު ފެށުމުގެ ގޮތުން މިރޭ ވަނީ ”މޯލްޑިވްސް 2.0 - ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓު“ ފަށައިފަ އެވެ. ހެންވޭރުގައި ހުންނަ ނަސަންދުރާ ބާސެލޯގައި މި ސަމިޓް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ.
ސަރުކާރުން ބުނީ ދިވެހިރާއްޖެ 2.0 ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް ޚާއްސަ މަޝްރޫޢުއެއް އިފްތިތާޙު ކުރީ ވަރަށް ގިނަ ސަބަބުތަކަކާއި ގުޅިގެން ކަމަށާ މިއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައިވާ ގޮތަށް ރާއްޖެ އަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ.
މި މަޝްރޫއު ގެނައުމުގެ ބޭނުންތަކުގެ ތެރޭގައި ޑިޓަލް ރޮނގުން ޤައުމުގެ މިސްރާބު ހުރީ ހެޔޮފާލެއްގައި ކަމަށް ވިޔަސް، އަދި ފުރުސަތު އޮތީ ފަހިކޮށް ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުން އެކަން އިހްސާސެއް ނުވުމާއި ކޮރަޕްޝަން އިންޑެކްސް ވިޔަސް، ޓްރާންސްޕެރެންސީ އިންޑެކްސްވިޔަސް، ޑިޖިޓަލް ގަވަރަނަންސް އިންޑެކްސް ވިޔަސް ރާއްޖެ ދަރަޖަ ކުރެވިފައި އޮތީ ނިސްބަތުން ވަރަށް ފަހަތުގައި ކަމަށް ވުން ހިމެނެ އެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުން ޚިދުމަތް ދިނުމުގައި ޒަމާނުއްސުރެ ވާރުތަވެފައިހުރި މައްސަލަތައް އެގޮތުގައި ހުރިއިރު ކޮންމެވެސް މިންވަރެއްގެ ލުއިތަކެއް އޮންލައިން ޚިދުމަތްތަކުގެ ޒަރީއާއިން މިހާތަނަށް ގެނެސްދެވިފައިވިޔަސް، އަދި ޚިދުމަތް ދިނުމަށް 200 އާ ގާތްކުރާ ޕޯޓަލް ދައުލަތުގެ މުއައްސަސާތަކުން ގެންގުޅުނުނަމަވެސް، ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް މާ ބޮޑު ލުއިތަކެއް ލިބިގެންދާކަމުގެ އިހްސާސެއް ނުވުން ހިމެނޭ އެވެ.
މީގެއިތުރުން ޚިދުމަތްތައް އަދިވެސް ތަރުތީބުވެފައި ހުރީ އެއް މަޢުލޫމާތެއް އެތަށް މުއައްސަސާއަކަށް ތަކުރާރުކޮށް ހުށަހަޅަންޖެހޭ ގޮތަށް ވުމާއި ސިސްޓަމްތަކުގައި ޚިދުމަތްތައް ފަރުމާކުރެވިފައި ހުރީ ކަރުދާސް ފޯމްތައް ބޭނުންކުރި ޒަމާނުގައި އެކަށައަޅާފައިވާ ޚިދުމަތްތަކުގެ އިޖުރާއަތުތަކާ އެއްގޮތަށް، ޕްރޮސެސް އެފިޝެންސީ ގެނެވޭނެ ގޮތަށް ރިއިންޖިނިއަރ ނުކޮށް ކަމަށްވުމީވެސް މިފަދަ މަޝްރޫޢުއެއް ގެނައުމުގެ ބޭނުމެއް ކަމަށް ސަރުކާރުން ބުންޏެވެ.
ދިވެހިރާއްޖެ 2.0 މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރާ ޕްރޮގްރާމެއްކަން ފާހަގަކޮށް ސަރުކާރުން ބުނީ މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޛުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢު އެއް ކަމަށެވެ.
އަދި މިއީ ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް ހިންގަން ފަށާ މަޝްރޫޢެއްކަން ފާހަގަކޮށްފައިވެ އެވެ.
މި މަޝްރޫޢުން ތަންފީޛު ކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ގެނެވޭނެ ބަދަލުތައް ވެސް ވަނީ ހާމަކޮށްފަ އެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.