ENGLISH
09 މޭ 2025
ކުށާއި ދަރަނީގެ ރެކޯޑް ބެލުމަށް އީފާސް މެދުވެރިކޮށް ހުށަހަޅާ ގޮތަށް ބަދަލުކޮށްފި
09 މޭ 2025
|
ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއިން، ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ޑީޖޭއޭއިން އިއްޔެ ކުރި އިއުލާނުގައި ބުނީ އެ ޚިދުމަތް އީފާސްގެ ދަށަށް ބަދަލުކުރީ މިހާރަށްވުރެ ފަސޭހަކޮށް އެ ޚިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން އަލަށް ގެނައި ބަދަލު ތަންފީޛުކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އީފާސް މެދުވެރިކޮށް ރެކޯޑް ސާފުކުރުމަށް ހުށަހަޅަންޖެހޭނީ އެ ޑިޕަރޓްމަންޓުން ތަރައްޤީކޮށްފައިވާ ޕަބްލިކް ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށްކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޑީޖޭއޭއިން ބުނީ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް ޖޫން 1 ވަނަ ދުވަހުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށެވެ.
އީފާސް މެދުވެރިކޮށް އާއްމުންނަށް ޚިދުމަތް ހުޅުވާލި ނަމަވެސް، ދައުލަތުގެ އިދާރާތަކުން މިހާރުވެސް އަމަލުކުރާ އުސޫލުން އަމަލުކުރެވޭނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެގޮތުން، ދައުލަތުގެ އޮފީސްތަކުން ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި، ކުންފުނިތަކުން ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނަންނާނީ، ކުރިއެކޭވެސް އެއްފަދައިން އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑް ސާފުކުރުމަށް ހުށަހެޅުމުން ކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.