ENGLISH
09 މޭ 2025
ޑެޕިއުޓީ ކޮމިޝަނަރ ނަވީން ފުލުހުންގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވައިފި
09 މޭ 2025
|
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ފުލުހުންގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވަނީ، ފޮޓޯ: ޕޮލިސް
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުހުންގެ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވައިފިއެވެ.
އިއްޔެ އިސްކަންދަރު ކޮށީގައި އޮތް ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ ފުލުހުންގެ އަޚްލާގު ދެމެހެއްޓުމާއި، ރައްޔިތުން އިތުބާރުކުރާ ޚިދުމަތެއް ދިނުމުގައި ޒިންމާ އަދާކުރަންޖެހޭ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ކޮންމެ ފުލުހަކުވެސް ވާންޖެހޭނީ މުވާސަލާތީ ހުނަރުތައް ދަސްކޮށް އެ ހުނަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ ފުލުހަކަށް ކަމަށެވެ. ހާއްސަކޮށް މަތީ މަގާމްތަކުގައި ތިއްބަވާ ފުލުހުން އެ ޒިންމާ އަދާކޮށް އެކުވެރި މާޙައުލެއްގައި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ އިސް މަޤާމްތަކުގައި ތިއްބަވާ ފުލުހުން ވާންޖެހޭނީ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ނަމޫނާ ދައްކާ ބަޔަކަށް ކަމަށެވެ. ދަށުގައި ތިއްބަވާ ފުލުހުންނަށް މަގުދައްކައިދީގެން މަސައްކަތްކުރާނަމަ ރައްޔިތުން ބޭނުންވާ ފުރިހަމަ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ ނަވީން އިތުރަށް ވިދާޅުވީ ފުލުހުންގެ އިދާރާގެ އަގު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ޚާއްސަގޮތެއްގައި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑުގޮތެއްގައި އާއްމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމުގެ މުހިއްމުކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަލިއަޅުއްވާލެއްވިއެވެ.
ފުލުހުން ވާންޖެހޭނީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ މަސައްކަތުގެ ވަގުތުގައި ސަމާލުކަންދީ، ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށް ނަވީން ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ މެދުގައި އިޙްތިރާމް އަދާކޮށް މަސައްކަތް ފުރިހަމަކަމާއެކު ނިންމުމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އިސްވެރިންނަށް ލަފާއެރުއްވިއެވެ.
ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާއިރު ދިރިއުޅުމުގެ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށާއި، އެ ހާލަތުގައި ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމެވުމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އިލްތިމާސްކުރެއްވިއެވެ. އެފަދަ ހާލަތުގައި އަވަސް އަރުވާލައިގެން ނިންމުންތައް ނުނިންމެވުމަށް ނަވީން ފުލުހުންގެ އިސް އޮފިސަރުންގެ ކިބައިން އެދިވަޑައިގަތެވެ.
ދިވެހިން ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ކުރުމުގައި ވަސީލަތްތައް އެންމެ ފުރިހަމަ ނުވިނަމަވެސް، މިހާރަށްވުރެ ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެދިވަޑައިގަތެވެ.
ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އިތުރަށް ވިދާޅުވީ ފުލުހުން ވާންޖެހޭނީ މަސައްކަތުގެ އަޚްލާގު ހިފަހައްޓައި ނަޒާހަތްތެރިކަމާާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ.