ENGLISH
09 މޭ 2025
މާތްﷲ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހަކީ ދުނިޔެ އާއި އާޚިރަތުގައި ވެސް ގެއްލެނިވެގެންވާ މީހެއް: ހުކުރު ޚުޠުބާ
09 މޭ 2025
|
އިސްލާމީ މަރުކަޒު
މާތްﷲ ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލެނިވެގެންވާ މީހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ، "ތަޤްވާވެރީންނަކީ، މާތްﷲ ހަނދުމަކުރާ މީހުން" މިއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ﴿١٢٤﴾ قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴿١٢٥﴾ قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ الْيَوْمَ تُنسَىٰ ﴿١٢٦﴾ (طه) މާނައީ: " އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ. އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشر އަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آية ތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّه ގެ رحمة ން محروم ކޮށްލެވޭނެތެވެ.)"
މިއަދުގެ ޚުޠުބާ ފައްޓާފައިވަނީ، މާތްﷲ ގެ ޙަޟްރަތަށް އެންމެހާ މީސްތަކުން ރުޖޫޢަކުރެވޭ ދުވަހަށް ރައްކާތެރިވެ ބިރުވެތި ވެވޭނީ މާތްﷲ އަށް ފުރިހަމައަށް އީމާންވެ، އެކަލާނގެ ހަނދުމަކުރުމާއެކު، ސުވަރުގޭގެ މަތިވެރި ޘަވާބާއި ދަރުމައިގެ އިތުރުން ނަރަކައިގެ ވޭންހުރި ޢަޛާބުގެ މަތިން ހަނދާންކޮށްދެމުންނެވެ. އަދި މިކަންކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ، ވަޢުޡާއި ނަސޭހަތް ލިބިގަތުމަށްވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ. މާތްﷲ ހަނދުމަކުރުމުގެ މާނައަކީ، ތިބާ އާޚިރަތް ދުވަހުގެ ޙަޔާތާމެދު ފަރުވާތެރިވެ، ހެޔޮ ޢަމަލުކުރުމުގައި ތިބާގެ ޢުމުރު ހޭދަކުރުން ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެ އެވެ.
އެކަލާނގެ ހަނދުމަކުރުމަށް އަމުރުކުރައްވާ، މާތްﷲ ވަޙީކުރައްވާފައިވެ އެވެ.
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾ (بقرة) މާނައީ: " ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!"
ﷲ ތަޢާލާ ހަނދުމަކުރުމަށް ކުރެވޭނެ އެންމެ މަތިވެރި އަޅުކަމުގެ ގޮތުގައި ޚުޠުބާގައި ފާހަގަކޮށްފައި ވަނީ، ނަމާދުކުރުމެވެ. އެހެނީ، ނަމާދަކީ މާތް ނަބިއްޔާ صلى الله عليه وسلم އައިގެން މިޢުރާޖު ކުރެވުނު ރޭ، އެއްވެސް މެދުވެރިއަކާ ނުލާ ސީދާ އެކަލޭގެފާނަށް ބަސް ވަޙީކުރައްވާ، ފަރުޟު ކުރެއްވުނު މަތިވެރި އަޅުކަމެކެވެ. އަދި ޤިޔާމަތް ދުވަހު، އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީވެސް ނަމާދާ މެދުއެވެ.
އެކަލާނގެ ރަސޫލާ މޫސާ ޢަލައިހިއްސަލާމް އަށް ޠުވާއެވެ ކިޔުނު މުޤައްދަސް ވާދީގައި ވަޙީކުރެއްވި ބަސްފުޅު، ޚުޠުބާގައި ގެންނަވާފައި ވެއެވެ.
إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾ (طه) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!"
ﷲ ތަޢާލާ ހަނދުމަކުރުމާއި ނަމާދުކުރުމުން އިންސާނާ އެއްކިބާ ކުރުވާ ކަންކަމުގެ ގޮތުގައި، ހަވާނަފްސުގެ އެދުންތަކާއި، މުންކަރާތްތަކުގެ އިތުރުން ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާޙިޝް ޢަމަލުތައްކަން ޚުޠުބާގައި ފާހަގަކޮށް، އަންނަނިވި އާޔަތް އެކަމުގެ ދަލީލެއްގެ ގޮތުގައި ގެނެސްފައިވެއެވެ.
إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ (المائدة) މާނައީ: " شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ކަންކަން ރޭވުނުކަމުގައި ވީނަމަވެސް އުޚްރަވީ ކަންކަން ރޭވޭނީ ކީރިތި ޤުރްއާނާއި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުތަކުގެ އަލީގައި ކަމަށެވެ. އަދި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި ޢަމަލުތަކަކީ ކޮބާކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރިން އެފަދަ ޢަމަލުތައް ކުރުން މަތީ ދެމިތިބުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
މާތްﷲ އަށް ތަޤުވާވެރި ވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. ތަޤުވާވެރިންނަށް ޤިޔާމަތް ދުވަހު ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ޘަވާބާއި ދަރުމަ ޙާޞިލްކުރެވޭނީ އޭރުންނެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.
مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ ﴿٣٥﴾ (الرعد) މާނައީ: " تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ."
ފުރަތަ ޚުޠުބާ ނިންމާލާފައި ވަނީ، ބުއްދިވެރީންނާއި ނުކުޅެދުންތެރިންގެ ފަރަގު ބަޔާންކުރައްވާ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅަކުންނެވެ.
عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ " (ޖާމިޢު އައްތިރުމިޛީ، 2459) މާނައީ: ޝައްދާދު ބުނު އައުސްގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ބުއްދިވެރިޔަކީ، ތިމާގެ ނަފްސު ހިސާބުކޮށް، މަރުވުމަށްފަހު މެދުވެރިވެދާނެ ކަންތަކަށްޓަކައި ހެޔޮ ޢަމަލުކުރާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ އޭނާގެ ހަވާނަފްސާ އެއްގޮތަށް ޢަމަލުކޮށްފައި ﷲގެ ޙަޟްރަތުން ހެޔޮގޮތްގޮތަށް އުންމީދުކުރާ މީހާއެވެ."
ދެވަނަ ޚުޠުބާގައި ﷲ ތަޢާލާގެ ޙަޟުރަތަށް އެންމެހާ މީސްތަކުން ޙާޟިރުކުރެވޭނެ ދުވަހަށް ބިރުވެތިވުމަށް އަންގަވާ، އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅަކާއި، ތިބާ ވީ ކޮންމެ ތާކުވެސް ﷲ އަށް ތަޤުވާވެރިވުމަށް އިރުޝާދުދެއްވާ، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއް ގެނެސްފައިވެއެވެ.
وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿٢٨١﴾ (بقرة) މާނައީ: " އެދުވަހެއްގައި، اللَّه ގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."
عَنْ أَبِي ذَرٍّ، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم " اتَّقِ اللَّهَ حَيْثُمَا كُنْتَ وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ " (ޖާމިޢު އައްތިރުމިޛީ، 1987) މާނައީ: އަބޫ ޛައްރުލް ޣިފާރީގެ އަރިހުން ރިވާވެގެން ވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިބާ ވީ ކޮންމެ ތަނެއްގައި މާތްﷲ އަށް ތަޤުވާވެރި ވާށެވެ! ފާފައެއް ކުރެވުމުން އެއާ ވިދިގެން ހެޔޮ ޢަމަލު ކުރާށެވެ! އޭރުން އެ ހެޔޮ ޢަމަލު، އެ ފާފަ ފުހެލާނެތެވެ. އަދި މީސްތަކުންނާ ރިވެތި ގޮތުގައި މުޢާމަލާތު ކުރާށެވެ!"
މީގެ އިތުރުން، ދުނިޔޭގައި މުޞީބާތެއް ކުރިމަތިވެދާނެތީ އެކަމަށް ބިރުގަންނައިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުކޮށް ބައްދަލުކުރާނެ ޤިޔާމަތް ދުވަހާމެދު ބިރުގަންނަން ހަނދާންނެތޭކަމީ އަޖައިބެއް ކަމަށާއި، އެދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.