ENGLISH
05 ޖުލައި 2025
ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދަނީ ވަރަށް ގާތުން ބަލަމުން: ޚާރިޖީ ވުޒާރާ
08 މޭ 2025
|
ދިވެހި ޚާރިޖިއްޔާ -- ފޮޓޯ: އެޑިޝަން
ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ޚާރިޖީ ވުޒާރާ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
އިންޑިއާއާ ޕާކިސްތާނުގެ މެދުގައި ވަނީ ބޮޑު އަރައިރުމަކާއި ދެކޮޅުވެރިކަމެއް އުފެދިފަ އެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ. އިންޑިއާ އިން ތުހުމަތު ކުރާ ގޮތުގައި އެ ހަަމަލާގެ އަޑީގައި އޮތީ ޕާކިސްތާނެވެ. ހަނގުރާމަވެރި ޖަމާޢަތްތަކަށް ޕާކިސްތާނުން ދަނީ ފަންޑު ކުރަމުންެވެ.
އެ ތުހުމަތުކޮށް އިންޑިއާ އިން ވަނީ ޕާކިސްތާނަށް ހަމަލާ ދީފަ އެވެ. ރައްދުގައި ޕާކިސްތާނުން ވެސް ވަނީ ހަމަލާ ދީފަ އެވެ.
ދެ ޤައުމުގެ ގުޅުން ގޯސްވެ ޙާލަތު ނާޒުކުވެފައިވާތީ ދިވެހި ޚާރިޖިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ވުޒާރާ އިން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ގެންދަނީ ކުރަމުން ކަމަށެވެ.
މިގޮތުން، ޕާކިސްތާނުގެ މަސްރަހު މިހާރަށް ވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ޚާރިޖިއްޔާ އިން ބުނެ އެވެ.
އަދި ބުނީ މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއްދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ އެ ވުޒާރާގެ ހޮޓްލައިނަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.