ENGLISH

05 ޖުލައި 2025

Advertisement

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

08 މޭ 2025

|

އަޙުމަދު ޙަމީދު

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، އެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ އެ ހުށައެޅުއްވުން ރަސްމީކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. އެ ހުށައެޅުއްވުމާއި ގުޅޭގޮތުން އެ ކޮމިޝަނުން ގޮތެއް ނިންމާނެ އެވެ. ޝަރަފުވެރިކަމާ އެކު މަޤާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމާއި ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުމެއް ހާމަކުރައްވާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު، ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ވަނީ މަޤާމުން ވަކިވެވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. އެ ދުވަހު އެމަނިކުފާނު ވަނީ އެފަދަ ރަސްމިއްޔާތަކުން އެ ހައިސިއްޔަތުން ދެން ފެނިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން އެންމެ ގިނަ ދުވަހު އުއްތަމަ ފަނޑިޔާރު ކުރެއްވީ އަހްމަދު މުއުތަސިމް އަދުނާނެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، އެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ހުށަހަޅުއްވި މި ވަގުތަކީ އެ ކޯޓްގެ ދެ ފަނޑިޔާރެއްގެ މައްޗަށް ހިންގި ތަހުޤީޤަކަށް ފަހު އެ ދެ ފަނޑިޔާރުން ވަކިކުރެއްވުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ވަގުތަކެވެ.

ޖޭއެސްސީން މައްސަލައެއް ބަލަން ފެށުމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު