ENGLISH
05 ޖުލައި 2025
ޑިޖިޓަލައިޒޭޝަންއާ ގުޅޭ "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް" މާދަމާ ރޭ ފަށަނީ
08 މޭ 2025
|
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މާދަމާ ރޭ "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް" ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް ކުރިއަށްދާނީ މާދަމާ ރެއިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯސް ނަސަންދުރާގައެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޑިޖިޓަލައިޒް ކުރުމުން ކޮރަޕްޝަންގެ ފުރުސަތުތައް މަދުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުޞަތު ހަނިކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭކަމަށް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަތަރު އަހަރުގެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގައި މަސައްކަތްކުރާނީ އެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާއާ އެކު ކަމަށެވެ. އެގޮތުން އެސްޓޯނިއާ ސަރުކާރުގެ ފަންނީ އެހީތެރިކަން ލިބޭގޮތަށް މާދަމާ ރޭ ފަށާ ޑިޖިޓަލް ކޮންފަރެންސަކީ އެކަމުގެ ފެށުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ހުކުރު ދުވަހުގެ ރޭ މި ފަށާ ޑިޖިޓަލް ކޮންފަރެންސަކީ މީގެ ފެށުން. އެސްޓޯނިއާގެ އެކްސްޕާޓް ޓީމެއްވެސް ވަޑައިގެން އެބައުޅުއްވާ. އަދި އެސްޓޯނިއާގަ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ފެށި އެކަމުގެ އެންމެ ބޮޑު އެކަކު މި ކޮންފަރެންސްގަ ބައިވެރިވޭ. އެއީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއް. އެސްޓޯނިއާ ސަރުކާރަށް ޝުކުރުވެސް ދަންނަވަން އެކަމުގަ ދެއްވާ ހުރިހާ ސަޕޯޓަށް" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މައިގަނޑު ޚިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނުގެ ދެލިކޮޕީ ވެސް އެކުލަވާލަމުންދާކަމުގައި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ހުރިހާ ދާއިރާއެއް ހިމެނޭހެން މުޅި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒޭޝަން ނިޒާމުގެ ތެރެއަށް ވެއްދުންކަމަށް ރައީސް ވިދާޅުވިއެވެ. ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ނިމޭއިރު މިހާރު ގެންގުޅޭ އައިޑީ ކާޑު މެދުވެރިކޮށް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަތުގައި ގެންގުޅޭ އައިޑީ ކާޑުގެ އިތުރުން އެ އައިޑީ ކާޑު ޑިޖިޓަލް ކުރުމަށްފަހު ޚިދުމަތްތައް އޮޓޯ ޖެނެރޭޓް ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑިޖިޓަލައިޒޭޝަން ނިޒާމުގެ ތެރެއިން އައިޑީ ކާޑުގެ ޚިދުމަތް ދޭނީ އެހެން މީހަކު އައިޑީ ކާޑަށް އެކްސެސް ވިޔަސް ފަސޭހައިން އެނގޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "ދިވެހިރާއްޖެ 2.0" އާއެކު، ގިނަ ގޮތްގޮތުން ކުރިއެރުން ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"އޭގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް ވަރަށް ކުރިއެރުން ލިބޭނެ. އަޅުގަނޑުމެންގެ ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިކޮނޮމީގެ ތެރެއިން އަންނަ އެއްޗެއް ގޮތުގައި ހަދަން އަޅުގަނޑު ވާނީ ޓާގެޓެއް ކަނޑައަޅާފަ 2030 އާ ހަމައަށް ދާންވާއިރަށް. އެހެންވީމަ އެ ޓާގެޓް ފަހަރެއްގަ އެއަށްވުރެ ކުރިންވެސް ހާސިލްކުރެވިދާނެ މިކަން އެންމެން ބަލައިގަންނަ ވަރަކުން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަދި މި ފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ފާހަގަކުރައްވައި، މި ބިޔަ މަޝްރޫޢުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ގަބޫލުކޮށް، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެންމެން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.