ENGLISH

06 ޖުލައި 2025

Advertisement

ގާޒީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރަން އިތުރު 18 ކްލާސްރޫމް އިމާރާތްކުރަނީ

08 މޭ 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން އަންނަ ގާޒީ ސްކޫލް. ފޮޓޯ: ގާޒީ ސްކޫލް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން އަންނަ ގާޒީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، އެ ސްކޫލަށް އިތުރުކުރާ 18 ކްލާސްރޫމް އިމާރާތްކުރާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ހުޅުވާލައިފިއެވެ. 

ގެޒެޓުގައި ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ ފުރުސަތު ހުޅުވާލީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. އެގޮތުން މިހާރު ވަނީ އެ މަސައްކަތް ކުރަން ބިޑް ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފައެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ މަރުޙަލާ ކުރިއަށްދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) ގެ އުޞޫލުގެ ތެރެއިން ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކަމަށެވެ. 

ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 121،000ރ. ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚިން ފެށިގެން 148 ދުވަސް ކަމަށް އެ ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ. ބިޑް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ މެއި 25 ވަނަ ދުވަހުގެ 13:00 އެވެ. 

ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ގާޒީ ސްކޫލަކީ ހުޅުމާލޭގައި އެންމެ ޑިމާންޑް ބޮޑު އެއް ސްކޫލެވެ. 

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ސްކޫލްތަކަށް ވައްދާ ދަރިވަރުންގެ އަދަ ދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، ހުޅުމާލޭގެ ސްކޫލުތަކުގެ ޖާގަ އިތުރުކުރުމާއެކު އާ ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. 

އަލަށް އިތުރު ކުރާ ބައެއް ސްކޫލްތައް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. އަދި، ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް މީހުން ބަދަލުވާ ޕެޓާންއަށް ބެލުމަށްފަހު ސްކޫލް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު