ENGLISH
06 ޖުލައި 2025
ޕޯޓަލް މެދުވެރިކޮށް ރިޔާސީ ކޮމިޝަންއާ، މަޢުލޫމާތު ހިއްސާކުރެވޭ ގޮތް ހަދައިފި
08 މޭ 2025
|
ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެޕްރީލް 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއްކޮށް ލަފާ ދިނުމަށްޓަކައި، 27 އެޕްރިލް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންއާ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ޕޯޓަލެއް ތަޢާރަފްކޮށް އާއްމުންނަށް މިއަދު ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ބަލަމުންގެންދަނީ އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައެވެ.
ރިޔާސީ ކޮމިޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން އަލަށް ހުޅުވި ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށެވެ. އަދި، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތް ނަމަވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. މައުލޫމާތު ހިއްސާކުރުމަށް ޕޯޓަލްއަށް ލޮގިން ވާންޖެހޭނީ އީ-ފާސް މެދުވެރިކޮށެވެ.
އެ މައްސަލައާ ގުޅޭގޮތުން އެކުލަވާލި ރިޔާސީ ކޮމިޝަނުގައި ފަސް ބޭފުޅުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސްކަން ކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުޙައްމަދު އަދި އާމިނަތު އީނާސްއެވެ.
މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދުވަހު ޑރ. މުނައްވަރު ވިދާޅުވީ މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ޕޯޓަލް އުފައްދަވާނެ ކަމަށެވެ.
އެ ކޮމިޝަންއާ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ޒިންމާއަކީ އެ ހާދިސާ އާއި އެ ހާދިސާގެ ވަށައިގެންވާ ކަންކަން ތަހުގީގުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއްކޮށް އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައިގައި ކަންހިނގި ގޮތުގެ ތަހުގީގެއްކޮށް އެމަނިކުފާނަށް ލަފާއެރުވުމެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ވަނީ ޔުމްނުގެ މެޑިކަލް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޔުމްނުގެ އިތުރު ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު ނުވަތަ 385،500ރ. ހަމަޖައްސައިދީފައިވެއެވެ.