ENGLISH
05 ޖުލައި 2025
ސެންޓްރަލް ޕްރިޒަން ވެގެންދާނީ މި ސަރަހައްދުގައި ހެދޭ އެންމެ ބޮޑު، އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ޖަލަށް: ރައީސް
08 މޭ 2025
|
ޕޮޑްކާސްޓް އެޕިސޯޑްގައި ރައީސް މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
އުތުރު ތިލަފަޅުގައި ގާއިމްކުރާ ސެންޓްރަލް ޕްރިޒަން ވެގެންދާނީ މި ސަރަހައްދުގައި ހެދޭ އެންމެ ބޮޑު، އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ޖަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިޔަށްގެންދަވާ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެތަނުގެ ހުރިހާ ކަމެއް ހުންނާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ.
"އިންޓަނޭޝަނަލް މިންގަނޑުތަކަށް ހުރިހާ ކަމެއް ހުންނާނެ. އެހެންވީމަ މީހުން ތިބޭ ހާލަތުވެސް ރަނގަޅުވާނެ. އިންޓަނޭޝަނަލް ކޮންވެންޝަންތަކާ ހުރިހާ އެއްޗަކަށް ފިޓުވާ ގޮތަށް ހުންނަ ވަރަށް ފެންވަރު ރަނގަޅު ތަނަކަށް ވާނެ. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ މޮޑެލްއެއްގެ ތެރެއިން އެ މަސައްކަތްކޮށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމުގެ މަރުހަލާ ކަމަށެވެ. އަދި އެއީ ދުރު ރާސްތާގެ ހައްލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވެފައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެ ޖަލު އުވާލައި މައި އެއް ޖަލު ހެދުން ކަމަށެވެ. އަދި އެތަން ގާއިމްކުރަން ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިއަސް ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރަންޖެހޭކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ސެންޓްރަލް ޖަލު ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އަލަށް ހަދާ މައި ޖަލުގައި މެންޓަލް ކެއާ ފެސިލިޓީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސެންޓްރަލް ޖަލު އިމާރާތްކޮށް އެތަނަށް ކުށްވެރިން ބަދަލުކުރެވުމުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ކޮންޓްރޯލް ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.