ENGLISH

05 ޖުލައި 2025

Advertisement

ކޯސްޓްގާޑުގެ ހިދުމަތް ފުޅާކުރުމަށް ޖަޕާން ސަރުކާރުން ދެ އުޅަނދު ހަދިޔާކުރަން ނިންމައިފި

07 މޭ 2025

|

ޢަލީ ޝަހީމް

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޚާރިޖީ ވުޒާރާ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެމުން އަންނަ ކޯސްޓް ގާޑުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ އުޅަނދު ހަދިޔާކުރަން ނިންމައި، "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފި އެވެ. 

ޖަޕާން ސަރުކާރުން އުޅަނދުތައް ހަދިޔާކުރަން ނިންމީ 'އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް' ގެ ދަށުންނެވެ. އެގޮތުން ހަދިޔާކުރުމަށް ނިންމާފައިވަނީ 'ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް' އެވެ. 

އެކަމަށް ހާއްސަކޮށްގެން މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭން ސޮއިކުރެއްވީ ޚާރީޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯއެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ އުޅަނދު ހަދިޔާކުރަން ނިންމައި، "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޚާރިޖީ ވުޒާރާއިން ބުނީ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 2.8 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ހަދިޔާކުރާ އުޅަނދުތައް އިތުރުވުމުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުުރުވެގެންދާނެ ކަމަށެވެ. 

ޖަޕާން ސަރުކާރުން ފޯރުކޮށްދޭން ނިންމި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ޖަޕާން ސަރުކާރުން ގެންގުޅުއްވާ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރަށް ރާއްޖޭން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު