ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ސަރުކާރުގެ ޓެކްސީ ލައިނާއެކު ޓެކްސީ ހިދުމަތުގައި ޑިސިޕްލިން ހިފަހެއްޓޭނެ: އަމީން

07 މޭ 2025

|

ޝިފްޒާން އަޙްމަދު

ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ތައާރަަފުކުރަން ނިންމާފައިވާ ޓެކްސީ ލައިން ތައާރަފުކުރެވުމުން ޓެކްސީ ހިދުމަތުގައި ވަކި ޑިސިޕްލިނެއް ހިފަހެއްޓި ހިދުމަތުގެ ފެންވަރު ކަށަވަރުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީންވަނީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރި ސަބަބާއި، މިހާރު ޓެކްސީ ކުރާ ފަރާތްތަކަށް ސަރުކާރުގެ ޓެކްސީ ލައިނުގެ ސަބަބުން ގެެއްލުން ނުވާނެކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ވިދާޅުވެދެއްވާފައެވެ. 

އަމީން ވިދާޅުވި ގޮތުގައި ޓެކްސީ ލައިން ތައާރަފުކުރި ނަމަވެސް މިހާރުވެސް ޓެކްސީ ކުރަމުންދާ ފަރާތްތަކަށް ޓެކްސީ ހިދުމަތް ދިނުމަށް ހުރަހެއް ނޯންނާނެއެވެ. އޭގެ އިތުރަށް އަމީނު ފާހަގަކުރެއްވީ ޓެކްސީ ހިދުމަތްދޭ މީހުންގެ ތެރެއިން ބޭނުންވާ މީހުންނަށް ސަރުކާރުގެ ޓެކްސީ ލައިނާ ގުޅިގެން ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ހިދުމަތް ދިނުމުގެ އިތުރަށް ޕާޓްޓައިމްކޮށް ޓެކްސީ ކުރުމުގެ ފުރުސަތުވެސް ޓެކްސީ ލައިން މެދުވެރިކޮށް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މި ޓެކްސީލައިން ބައްޓަންކޮށްފައިވާނީ ދާއިމީ ގޮތެއްގައި ޓެކްސީ ކުރުމުގެ އިތުރަށް ފްރީލަންސްކޮށްވެސް ޓެކްސީ ކުރެވޭ ގޮތަށް. މިހާރު ދެވަނަ ވަޒީފާގެ ގޮތުގައި ޓެކްސީ ކުރައްވާ ބޭފުޅުން ވަރަށް ގިނަ،" އަމީން ވިދާޅުވިއެވެ. 

އާރްޓީއެލް އަދި ބަހުގެ ހިދުމަތް ފަދަ ދަތުރުފަތުރުގެ ހިދުމަތްތައް ސަރުކާރުތަކުން ފަށާފައި ހުންނަނީ ދިރާސާތަކާއި ތަހުލީލުތައް ހެދުމަށްފަހުގައި ނޫންކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ޓެކްސީ ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމާއި، މާލޭގެ އެތެރޭގައި ދަތުރުކުރުމަށް ޓެކްސީ ނުލިބުމުގެ މައްސަލައިގެ ޝަކުވާ ވަރަށް ގިނައިން މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އެ މައްސަލައަށް ސަރުކާރުގެ ޓެކްސީ ލައިނުގެ ތެރެއިން ހައްލުތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

އަދި މާލޭގެ މަގުތައް ހުރި ގޮތަށް ބަލާއިރު މި ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ގެންގުޅޭ ކާރުތަކުގެ ސައިޒާމެދު ވިސްނަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. ސަރުކާރު ޓެކްސީ ލައިނުގައި ތަފާތު ސައިޒުތަކުގެ ޓެކްސީތައް ހިމެނިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ޓެކްސީލައިން ތައާރަފުކުރަންޖެހުނު އަނެއް ސަބަބެއްގެ ގޮތުގައި އަމީން ފާހަގަކުރެއްވީ މާލޭގައި އެންމެ ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމެވެ. ދަތުރުފަތުރުކުރުމަށް އެންމެ އާއްމުން ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ޓެކްސީ ލައިނުން އެންމެ މުހިއްމު ވަގުތުތަކުގައި ހިދުމަތް ލިބޭނެކަން ކަށަވަރުކުރަން އިސްކަންދޭނެ ކަމުގައި އަމީނު ވިދާޅުވިއެވެ. 

އަމީން އިތުރަށް ވިދާޅުވީ ޓެކްސީއާ ގުޅޭ ގަވާއިދުތައް ހެދިފައި ހުރި ނަމަވެސް، އެ ގަވާއިދުތަކުން ގާއިމުކުރަން ބޭނުންވާ ސުލޫކު ތަންފީޒުނުވާ ކަމަށެވެ. އެގޮތުން ޓެކްސީތަކުގައި ކެމެރާ ހުރުމާއި އެނޫންވެސް ހިދުމަތްތައް ފޯރުކޮށްނުދެވޭ ކަމަށެވެ. 

"މި ޑިސިޕްލިން ގެނައުމަށްޓަކައި އަޅުގަނޑުމެން މިސާލު ދައްކަން އެބަޖެހޭ. އެހެންވީމާ އަޅުގަނޑުމެން ސަރުކާރުގެ ކޮންޓްރޯލު އަޮންނަ ޓެކްސީ ލައިނެއްގެ ތެރެއިން މި ޑިސިޕްލިން ދައްކައިދެވިއްޖެނަމަ ދެން އަމިއްލައަށް ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުންވެސް އެކަން ކުރާނެކަން އެއީ އެހެން ގައުމުތަކުގެ ތަޖުރިބާއިންވެސް ފެންނަ ހަގީގަތްތައް،" އަމީން ވިދާޅުވިއެވެ. 

އަމީނުވަނީ މިއަދުވެސް ޓެކްސީ ދުއްވާ މީހުންނަށް ސަރުކާރުގެ ޓެކްސީ ލައިނުގެ ސަބަބުން އެއްވެސް ގެއްލުމެއްނުވާނެ ކަމުގެ ޔަގީންކަން ދެއްވައި، މި ޓެކްސީ ލައިނުގެ ސަބަބުން ހިދުމަތުގެ ފެންވަރު ކަށަވަރުކުރެވި، ހިދުމަތް ލިބޭނެކަން ޔަގީންކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު