ENGLISH
06 ޖުލައި 2025
މި އަހަރުގެ ފުރަތަމަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްދަނީ
06 މޭ 2025
|
މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ފުރަތަމަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމް ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ގޮތުން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ އޭޕްރީލް 26 އިން މެއި 8 ގެ ނިޔަލަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމްގެ ދެވަނަ ކޯހެއް މި އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިއަށްދާނެ ކަމަށް ވެސް ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަގުސަދަކީ، ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުން ކަމަށް ވުޒާރާއިން ބުނެއެވެ. އަދި މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެވޭ ކަންތައްތަކުގެ ތެރޭގައި:
• އެކްއަކަލްޗަރގެ ނިޒާމުތައް
• ދިރޭ ކަނާ އާލާކުރުން
• ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން
• ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑަ ބޮޑުކުރުން
• ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން
• އިތާމުތް އާލާކުރުން
• އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން
މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު، 8 މެއި 2025 ވާ ބުރާސްފަތި ދުވަހު ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.