ENGLISH

06 ޖުލައި 2025

Advertisement

އަދަދު ނޫހުން ޖަމްޢިއްޔާއާމެދު ހަދާފައިވަނީ ބުހުތާނު ދޮގު: ސަލަފް

06 މޭ 2025

|

އިސްމާއީލް ރާތިއު

ޖަމްޢިއްޔަތުއް ސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޖަމްޢިއްޔަތުއް ސަލަފް

އަދަދު ނޫހުން އިއްޔެ ނެރުނު ލިޔުމެއްގައި ޖަމްޢިއްޔަތުއް ސަލަފް އަށް ނިސްބަތްކޮށް ހަދާފައިވަނީ ބުހުތާނު ދޮގު ކަމަށް އެ ޖަމްޢިއްޔާއިން ބުނެފިއެވެ.

އެ ނޫހުން އިއްޔެ ޝާއިޢުކުރި ލިޔުމެއް ކަމުގައިވާ "ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ." މި ލިޔުމުގައި، ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް ސަލަފުގެ މެންބަރުންތަކެއް ގާތު، ރައީސް ޑރ. މުޙައްމަދު އެދިވަޑައިގެންނެވި ކަމަށް ބުނެފައިވާ ބުނުމަކީ ބުހުތާނު ދޮގެއް ކަމަށް ބުނެ، ސަލަފުން އެކަން ސިފަކޮށްފައި ވަނީ  "އެއްވެސް ޒިންމާދާރުކަމެއްނެތި، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް، އެ ނޫހުން ޝާއިޢު ކޮށްފައިވާ ބޮޑު ދޮގެއް" ގެ ގޮތުގައެވެ.

ސަލަފުން ބުނީ އަދަދު ނޫހުން ސަލަފް ޖަމްޢިއްޔާއާ ގުޅުވާ މިހާބޮޑު ދޮގެއް ހަދާފައިވާތީ، ޖަމްޢިއްޔާގެ މެންބަރުންގެ ގާތުން މަޢާފަށް އެދުމަށާއި އެކަން އަދަދު ނޫހުގައި ހާމަކުރުމަށް ގޮވާލާ، ނޫހުގެ އެޑިޓަރަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނުވަތަ، ލިޔުމުގައި އިޝާރާތްކޮށްފައިވާ މެންބަރުންގެ ނަންތަކާއި، އެ މައުލޫމާތު ހޯދި މަސްދަރުގެ އިތުރުން އެވާހަކަތަކުގެ ތެދުކަމުގެ ހެކި ދެއްކުމަށް އެ ސިޓީގައި އެދިފައިވާނެ ކަމަށްވެސް ސަލަފުން ބުނެފައިވެއެވެ.

"ހެކިނުދައްކަވައިފިނަމަ، އަޅުގަނޑުމެންނަށް ބަޔާންވެގެންދާނީ އެހެންޏާވެސް “ޢަދަދު” ނޫހާއިމެދު ރައްޔިތުންގެ ތެރޭގައި މަޝްހޫރުވެފައިވާ އަދި ތަޖްރިބާވަމުންދާ “ޒިއްމާދާރުކަމެއްނެތް ޚަބަރާއި، ހިތްހަމަނުޖެހޭ ފަރާތަކާމެދު ބުހުތާނު ދޮގުފަތުރައިގެންވިޔަސް، އެފަރާތްތަކުގެ އަބުރު ކަތިލައި، އަނެއްބަޔަކު ބަދުނާމުކޮށް، މުޖްތަމަޢުގެ މަސަލަސްކަން ނަގާލައި، ބަލްބަލާ އުފެއްދުމުގެ މުޑުދާރު ޢަމަލެވެ.” ސަލަފުގެ ސިޓީގައި ބުނެފައިވެއެވެ.

ސަލަފުން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުވެސް، އަދަދުން ދޮގު ޚަބަރެއް ޝާއިޢުކޮށްފައިވާ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނު ވަނީ އެކަން ތަކުރާރު ނުކުރުމަށް އަދަދު ނޫހުގެ އިތުރުން ރާއްޖޭގެ އެހެން ނޫސްތަކަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ތިބޭފުޅުންނަށް ހަމަ ތަނަކުން ލިބޭހާ މައުލޫމާތެއް އެ ނުވާނެ ކޮންމެހެން ތެދަކަށް. ލިބޭހާ މައުލޫމާތެއް ތެދަކަށް ނުވާނެ ނޫންތޯ؟ ތެދުބަހުން ވާހަކަދެއްކުމަކީ އޮތް ޗޮއިސްއެއްތޯ ނޫނީ އެއީ ޒިންމާއެއްތޯ. އެއީ ޒިންމާއެއް. އެއީ މަޖުބޫރު ކަމެއް ކޮންމެ މީހަކަށް ވެސް. ޚާއްސަކޮށް މުސްލިމަކަށް ވީތީ ވާހަކަދައްކަންޖެހޭނީ ތެދުބަހުން." ރައީސް ވިދާޅުވިއެވެ.

ސަލަފުން އިތުރަށް ބުނީ އެޖަމްޢިއްޔާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޖަމްޢިއްޔާއެއް ކަމުން، ޖަމްޢިއްޔާގެ އަގު ވައްޓާލާ، ބަދުނާމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއް ކުށްވެރި ކުރާކަމަށާއި މިކަމުން ލިބޭ މަޢުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެވާހަކަވެސް މި ސިޓީގައި ވާނެކަމަށެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން މީޑިއާ ކައުންސިލަށްވެސް މި ސިޓީގެ ކޮޕީއެއް ފޮނުވާފައިވާނެ ކަމަށް ސަލަފުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު