ENGLISH
05 ޖުލައި 2025
ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތެއް ނުދޭނަން: ވަޒީރު
06 މޭ 2025
|
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
އެއްވެސް ފަރާތަކަށް ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތު ދިވެހި އަސްކަރިއްޔާއިން ނުދޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ހާޒިރުވުމުން މެމްބަރުން ވެސް ދިވެހި އަސްކަރިއްޔާ އަދި ގައުމީ ސަލާމަތުގެ ދާއިރާއިން ސުވާލުތައް އަމާޒުކުރައްވާފަ އެވެ. އޭގެ ތެރެއިން ގިނަ މެމްބަރުން ކުރެއްވި އެއް ސުވާލަކީ ބޭރު ގައުމުތަކާއި އެކު ސޮއިކުރާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން އެ ފަރާތްތަކަށް ރާއްޖެއަށް ޖާސޫސް ކުރުމުގެ ފުރުސަތު އެބައޮތްތޯ އެވެ. އެގޮތުން އެއް މެމްބަރަކު އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާއިރު އެ އުޅަނދުތަކުގައި ޖާސޫސްކުރަން ބޭނުންކުރާ އާލާތްތައް ނެތްކަން ކަށަވަރުތޯ ވެސް ވަޒީރާ ސުވާލުކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ އެ އުޅަނދުތަކުގައި ޖާސޫސީ އާލާތެއް ނެތްކަން ގައުމީ ދިފާއީ ބާރުން ކަށަވަރުކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރަމުންދަނީ އަސްކަރިއްޔާގެ ވަސީލަތްތައް ހުރި މިންވަރަކުން ކަމަށެވެ.
" ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު ހުރި އެންމެ ފުރިހަމަ މިންވަރަކަށް ޖާސޫސީ އެއްވެސް އާލާތެއް ތި ޕްލެޓްފޯމުތަކުގައި ނެތް ކަން ކަށަވަރުކުރަމުންދަނީ. އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތައް ހުރި މިންވަރަކަށް މަސައްކަތް." ގައްސާން ވިދާޅުވި އެވެ.
އިންޑިއާގެ އުޅަނދުތަކުގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސާ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވެސް ރާއްޖެއަށް ޖާސޫސް ކުރުމުގެ ފުރުސަތު އޮތްތޯ އެހެން މެމްބަރަކު ސުވާލުކުރެއްވި އެވެ. އެ މެމްބަރު ސުވާލުކުރެއްވީ އެ އެއްބަސްވުމުގެ ދަށުން ކަނޑުތަކުގެ ދިރާސާކުރުމަށް ހަރުކުރާ އާލާތްތަކުން ރާއްޖެއަށް ޖާސޫސްކުރުމުގެ ޖާގަ އެބައޮތްތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި ވަޒީރު ވަނީ، އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން މަޖިލީހަށް އަރުވާފަ އެވެ. އަދި އެފަދަ ދިރާސާތައް ކުރާނީ، ވަޒީރު ވިދާޅުވި ގޮތުގައި ދިވެހި ސިފައިން ވެސް ތިބެގެން ނެވެ.
"ދިވެހިރާއްޖެއަށް ޖާސޫސް ކުރަން ފުރުސަތު އޮންނަ ކަމެއް ކުރުމަކަށް ގައުމީ ދިފާއީ ބާރަކުން ޖާގައެއް ނުދޭނެ. ތި ވިދާޅުވި މަޝްރޫއުގެ ތެރޭގައި އެކަހަަލަ ކަމެއް ހިމެނޭނަމަ އެކަމެއް އޮންނާނީ ހުއްޓުވިފަ. އަޅުގަނޑުމެންގެ ސީދާ ބެލުމުގެ ދަށުން މެނުވީ ތިކަހަލަ މަސައްކަތްތަކެއް ދިވެހިރާއްޖެއަކު ނުހިނގާނެ." ވަޒީރު ވިދާޅުވި އެވެ.