ENGLISH

05 ޖުލައި 2025

Advertisement

އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދުގެ މައުލޫމާތު އޮޅުންފިލުއްވަން ގުޅުއްވިކަމަށް މަހާޒު އެއްބަސްވެވަޑައިގަންނަވާ

06 މޭ 2025

|

ޝިފްޒާން އަޙްމަދު

ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ސުއޫދު، ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުންގެ ބަންދާމެދު ކުރިމިނަލް ކޯޓުން ނިންމި ގޮތެއް ބެއްލެވުމަށް އެ ކޯޓުގެ ފަނޑިޔާރު ސޮފްވަތު ހަބީބަށް ގުޅުއްވިކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެއްބަސްވެވަޑައިގަންނެވިކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ. 

އަޒްމިރަލްދާގެ ފިރިކަލުންގެ މައްސަލާގައި ދަށު ކޯޓަށް ނުފޫޒު ފޯރުއްވަން މަހާޒާއި އަޒްމިރަލްދާ މަސައްކަތްކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށްފަހު، އެ ދެ ބޭފުޅުން ދަށު ކޯޓަށް ނުފޫޒު ފޯރުއްވިކަމަށް ބެލެވޭތީ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީން ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ ފޮނުވާފައިވެއެވެ. 

އެ މައްސަލައާ ގުޅިގެން މަޖިލީހަށް ޖޭއެސްސީން ފޮނުވި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން މަހާޒުވަނީ އަޒްމިރަލްދާގެ ފިރިކަލުންގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވިކަމަށް އެއްބަސްވެވަޑައިގެންފައެވެ. މަހާޒު ވިދާޅުވެފައިވާ ގޮތުން އޭނާ ސޮފްވަތަށް ގުޅުއްވީ ކުރިމިނަލް ކޯޓުން އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ނިންމި ފަހުންނެވެ. 

އަދި އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލިފަހުން ސޮފްވަތަށް ގުޅުއްވުމަކީ ކޯޓުގެ ނިންމުމަކަށް ނުފޫޒު ފޯރުވޭނެ ސަބަބެއް ނޫންކަމަށް ވިދާޅުވުމާއެކު، އެ މައްސަލާގައި ގުޅުއްވީ އެ މައްސަލައަކީ އިސްތިއުނާފުގެ މަރުހަލާތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް އަތުވެދާނެ މައްސަލައަކަށްވާތީ މައުލޫމާތު އޮޅުންފިލުއްވުމަށް ކަމުގައި މަހާޒު ވިދާޅުވެފައިވެއެވެ. 

ޖޭއެސްސީން ފާހަގަކުރި ގޮތުގައި ސޮފްވަތަށް މަހާޒު ގުޅުއްވިއިރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްފައިވާކަން އެނގިވަޑައިނުގަންނަވާކަމަށް މަހާޒު އޮތީ ތަހުގީގުގައި ވިދާޅުވެފައެވެ. އެހެންކަމުން އެއީ އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ހާއްސަ ގޮތަކަށް ބެލުމަށް ބާރުއެޅުމުގެ ގޮތުން ކުރެއްވިކަމެއްކަމަށް ބުރަވެވޭ ކަމށް ޖޭއެސްސީން ނިންމާފައިވެއެވެ. 

މަހާޒު ތަހުގީގުގައި ވިދާޅުވި ގޮތުން އޭނާއަށް އަޒްމިރަލްދާ ފިރިކަލުން ހައްޔަރުކޮށްގެން އުޅޭކަން އެނގިވަޑައިގަތީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ފަރާތުންނެވެ. ނަމަވެސް ޖޭއެސްސީން ފާހަގަކުރި ގޮތުގައި އަޒްމިރަލްދާގެ ފިރިކަލުންނަކީ މަހާޒު ދެނެވަޑައިގަންނަވާ މީހަކަށްނުވާއިރު އޭނާގެ މައްސަލައާ ގުޅޭ ގޮތުން ކުުރިމިނަލް ކޯޓުގެ ގާޒީއަކާ ގުޅުއްވައިގެން މަހާޒު ސުވާލުކުރެއްވީ އަޒްމިރަލްދާ އެދިވަޑައިގަތުމުންކަމަށް ބެލެވެއެވެ. 

އިތުރަށް ތަހުގީގުގައި ފާހަގަކުރި ގޮތުގައި އެ މައްސަލާގައި މަހާޒު ގުޅުއްވި ގާޒީ ސޮފްވަތު ހަބީބާއި ކުރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދުވަނީ އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލި އަމުރަކީ ރަނގަޅު އަމުރެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޖޭއެސްސީގެ ތަހުގީގުގައި ވިދާޅުވެފައެވެ. 

އެގޮތުން އިސްގާޒީ އާދަމް މުހައްމަދުވަނީ އޭނާ ހުންނަވައިގެން އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާމެދު ގޮތެއް ނިންމެވިނަމަ، އޭނާ ބަންދުން ނުވީއްލަވާނެކަމަށް ތަހުގީގުގައި ވިދާޅުވެފައެވެ. 

އިތުރަށް ޖޭއެސްސީން ފާހަގަކޮށްފައިވަނީ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާގެ މެދުގައި ބަދަލުކުރެވުނު މެސެޖުތަކާއި ދެ ބޭފުޅުން ތަހުގީގުގައި ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު ދެ ފަނޑިޔާރުންގެ ވިސްނުންފުޅު ދައުލަތުގެ ތަހުގީގީ އިދާރާތަކާމެދު ގެންގުޅުއްވާފައިވަނީ ފަނޑިޔާރެއްގެ ވިސްނުންފުޅު ތަންފީޒީ އިދާރާތަކާމެދު ގެންގުޅުއްވައިގެން ނުވާނެ ގޮތަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު