ENGLISH

06 މޭ 2025

Advertisement

އުފާވެރި ޚަބަރެއް: ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާ ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ހެޔޮ ކޮށްފި

06 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ސަރުކާރުން ހެޔޮ ކޮށްފިއެވެ.

އެގޮތުން، ގޭގައި ތަކެތި އުފައްދާ ފަރާތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޢާންމުކޮށް ދައްކާލުމަށާއި ވިއްކުމުގެ ފުރުޞަތު ފަހި ކުރުމަށް ޚާއްޞަކޮށްފައިވާ މާކެޓް ޕްލޭސްގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓްގެ ސްޓޯލްތަކާއި، މައުރަޒު އޮންނަ ސަރަޙައްދުން ހުސްޖާގަތައް ކުއްޔަށް ދޫކުރާ އަގަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މާކެޓް ޕްލޭސްގައި، ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް 20 ކިއޮސްކު ޚާއްޞަ ކޮށްފައިވާއިރު ބާކީ ކިއޮސްކުތައް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މިއިން ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒް ކުރިއަށްދާ ކޮންމެ ދުވަހަކަށް 1،111 ރުފިޔާއެވެ.

ނަމަވެސް މިހާރު ސަރުކާރުން މި ކިއޮސްކުތައް ވިއްކާ އަގަށް ގެނައި ބަދަލާއެކު ގޭގައި އަމިއްލައަށް މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގަކީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/444 ރުފިޔާއެވެ. އަދި އެނޫން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކަނީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/666 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް -/3000 ރުފިޔާއާއި -/4000 ރުފިޔާއާ ދެމެދުގެ ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.

މި ކިއޮސްކު ތަކަކީ ރާއްޖޭގައި އާންމުކޮށް ބާއްވާ މިފަދަ މައުރަޒްތަކާއި ތަފާތުކޮށް، ފެންވަރު ރަނގަޅު އަދި ތަކެތި ވިއްކާ ފަރާތްތަކަށާއި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކިއޮސްކު ތަކަކަށް ވެގެން ދާނެކަން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.

ގޭގޭގައި ތަކެތި އުފައްދާ, އުމުރުން 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ކިއޮސްކުތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިކަމަށް އެދެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކަށް އެކަންޏެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެ ވިޔަފާރިތަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

މި ކިއޮސްކުތައް ދޫކުރުމުގައި، ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަން ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ ނިންމަވާފައެވެ. ކިއޮސްކުތަކަށް އެދި ހުށަހަޅާ ފޯމް، މި މައުރަޒްގެ ޚާއްޞަ ވެބްސައިޓް www.expo.mv އާއި މައުރަޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ލިބޭނެ ކަމަށް ބީސީސީން ބުންޏެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު، “މޯލްޑިވްސް އެކްސްޕޯ 2025” އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑުކޮށް ބާއްވާ އުފެއްދުންތެރި ކަމުގެ މައުރަޒެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަޠު މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލެވިފައެވެ.

މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކިޔުންތެރިންގެ ހިޔާލު