ENGLISH

06 ޖުލައި 2025

Advertisement

ޕްރިންސް ފަހަދް ރައީސާއި ބައްދަލު ކުރެއްވުން، ދެއްވީ ސައުދީގެ އެހީތެރިކަމުގެ ޔަޤީންކަން

05 މޭ 2025

|

އަޙުމަދު ޙަމީދު

ޕްރިންސް ފަހަދް ރައީސާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސެންޓަރ (އެމްއައިއެފްސީ) ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމުގައި ވިދާޅުވި އެވެ.

ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަން ކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ދެމެދު ވެވުނު އެމްއައިއެފްސީ އުފެއްދުމުގެ ޖޮއިންޓް ވެންޗަރ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނަށް ޝުކުރުއަދާކުރެއްވި އެވެ.

ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.

އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވި އެވެ.

މި އިޙްތިރާމުގެ ޒިޔާރަތް ނިންމަވާލެއްވީ، ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާގެ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު