ENGLISH
05 މޭ 2025
ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތައް ތަޙުޤީޤުކުރާ ޚާއްޞަ އޭޖެންސީއެއް އުފައްދަނީ
05 މޭ 2025
|
މަދަނީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތަކާއި ސީރިއަސް އިންސިޑެންޓްތައް ތަޙުޤީޤުކުރުމަށް ޚާއްޞަ އޭޖެންސީއެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފަ އެވެ.
މި ބިލުގެ ހުށަހެޅި މަޤްޞަދަކީ، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ އެއްގޮތަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގެ އެންމެ މުހިންމު ކަމަކީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ސީރިއަސް އިންސިޑެން އިންވެސްޓިގޭޓް ކުރާ ޚާއްސަ އިދާރާއެއް އުފެއްދުމެވެ.
އައު އޭޖެންސީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
- ސީރިއަސް އިންސިޑެންޓްތަކާ ގުޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުން.
- ވައިގެ ސަލާމަތަށް އަސަރުކުރާނެ ކަންކަން ދެނެގަތުން.
- ސަލާމަތްތެރިކަމާއެކު ވައިގެ ދަތުރުފަތުރު ކުރާނެ ގޮތުގެ ޕްރޮގްރާމެއް ހިންގުން
އައު އޭޖެންސީ ހިންގުމަށް ހަމަޖެހިފައިވަނީ:
- ތިން ކޮމިޝަނަރުން
- އޭޖެންސީގެ ސީއީއޯ
މި ބިލް ފާސްވުމާ ގުޅިގެން، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ވާނެއެވެ.
އަދި މިފަދަ މުސްތަޤިއްލު އޭޖެންސީއެއް އުފެދުމުން، ވައިގެ ދަތުރުފަތުރާ ގުޅޭ ހާދިސާތައް ތަޙުޤީޤުކޮށް، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެއެވެ.