ENGLISH

06 ޖުލައި 2025

Advertisement

ކޮމިޓީއަށް ހާޒިރުވެ ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ޑރ. އަޒްމިރަލްދާ އެދިވަޑައިގެންފި

05 މޭ 2025

|

ޝާމަ ޝުޢައިބު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު - ފޮޓޯ: ފައިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންފިއެވެ. 

ކުރިމިނަލް ކޯޓުގައި ހިނގަމުން އައި މައްސަލައެއްގައި އެ ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުއްވިކަން ސާބިތުވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލަ ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފަނޑިޔާރު އަޒްމިރަލްދާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބާއްވާ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ. 

އޭގެ އިތުރުން ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. 

އެހެންކަމުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާމެދު އެ ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގާ ގުޅިގެން ފާހަގަކުރަން ހުރި ކަންކަން އެ ކޮމިޓީއަށް ހާޒިރުވެ ފާހަގަކުރުމަށް ފުރުސަތު ދެއްވުމަށް އެދޭ ކަމަށް ސިޓީގައިވެއެވެ. 

މި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން، ބަންދުން މިނިވަންކުރުމަށް ބަންދާމެދު ގޮތެއް ނިންމެވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޛިހުނީއަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތުވެ ޖޭއެސްސީން ތަހުގީގުކުރި މައްސަލައެކެވެ. 

ދެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރި މައްސަލާގައި އޭނާ ބަންދުން ދޫކުރުމަށް ބާރުއަޅުއްވައި ނުފޫޒު ފޯރުވާފައިވަނީ ފަނޑިޔާރު މަހާޒު ހިމެނޭހެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބު މެދުވެރިކޮށެވެ. 

ސަފްވަތު ހަބީބަކީ ފަނޑިޔާރު މަހާޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެއް ވެސްމެއެވެ. 

ފަނޑިޔާރަކު މަގާމުން ވަކިކުރަން ފެންނަކަމަށް ޖޭއެސްސީން ނިންމުމުން އެ ފަނޑިޔާރަކު މަގާމުން ވަކިކުރާނީ ރައްޔިތުންގެ މަޖިލީހަށް އެ މަައްސަލައެއް ހުށަހަޅައި މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި އެގޮތަށް އޭރުގެ ސުޕްރީމް ކޯޓުގައި ތިއްބެވި ގިނަ ފަނޑިޔާރުންތަކެއް ވަކިކުރިއެވެ. 

މި މައްސަލައިގެ އިތުރަށް ހައިކޯޓުގެ ކުރީގެ ރެޖިސްޓްރާއާ މެދު ސުޕްރީމް ކޯޓުން އިސްތިއުފާދެއްވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބޭއަދަބީކޮށް މުއާމަލާތްކުރެއްވިއިރު އެ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ބައިވެރިވެވަޑައިގަތްކަމަށް ތުހުމަތުވާ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވީ އޭނާ ފަނޑިޔާރުންގެ ސުލޫކާ ޚިލާފުވިކަމަށް ތުހުމަތުވާ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު