ENGLISH
05 މޭ 2025
މަސައްކަތްތަކަށް ރިޔާސަތުން "ހުރަސްއަޅާ" ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
05 މޭ 2025
|
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު (ފޮޓޯ/ މަޖިލީސް)
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް އެ ހުށަހެޅުއްވި ގަރާރުގައި ވާގޮތުން މަޖިލީހުގެ ރިޔާސަތުން ދަނީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވަމުންނެވެ.
އެހެންވެ މެމްބަރު އެދިވަޑައިގެންފައިވަނީ މިކަމުގައި މެމްބަރުންގެ ދެކިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށެވެ.
މި މައްސަލައިގައި މީކާއިލް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަދުވުމާއި ވަޒީރުންނާއި ސުވާލުކުރުން އެޖެންޑާކުރުމުގައި ލަސްވާ މައްސަލަ ހިމެނެ އެވެ.
މެމްބަރު ގަބޫލުކުރައްވާ ގޮތުގައި އެފަދަ ކަންކަމަކީ މަޖިލީހަށް މަތިވާ ވާޖިބަށް ހުރަސްއެޅޭ ކަންކަމެވެ.
މި ގަރާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ނެގުނު ވޯޓުގައި 61 މެމްބަރުން ނިންމެވީ، އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ ގަރާރު ބަލައިގަތުމާ އެއްކޮޅަށް ވޯޓުދެއްވާފައިވަނީ އެންމެ 11 މެމްބަރުންނެވެ.