ENGLISH
05 މޭ 2025
2024 އާ އަޅާބަލާއިރު މިހަރުގެ އޭޕްރީލް މަހު ސްކޭމްގެ މައްސަލަތައް ދަށަށް، ގެއްލުނީ 1.6 މިލިއަން ރުފިޔާ
05 މޭ 2025
|
ޝަހީދް ހުސައިން އާދަމް ބިލްޑިންގް - ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް
މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރި މިންވަރު 43 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އޭޕްރީލް މަހު ސްކޭމްގެ އެކި މައްސަލަތަކުގައި 1.6 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ.
އެގޮތުން ފާއިތުވި އެޕްރީލް މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 63 މައްސަލައަކީ އީ-ކޮމާސް މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ އިތުރުން، ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 29 މައްސަލައާ ލޯބިވެރިޔާގެ ނަމުގައި ވަގު އެކައުންޓުތަކުން ފައިސާ ހޯދުމުގެ ތިން މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ.
އެ ސެންޓަރުން ބުނީ މިދިޔަ މަހު ސްކޭމްތައް އެންމެ ގިނައިން ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ޓެލެގްރާމާއި ވައިބާ އަދި އިންސްޓަގްރާމްގައެވެ.
މިފަދަ މައްސަލަތަކުގައި 1.6 މިލިއަން ރުފިޔާ ގެއްލުނުއިރު އޭގެ ތެރެއިން 126،717 ރުފިޔާ ރިކަވާކޮށްފައިވާ ކަން އެންޓި ސްކޭމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ސްކޭމްގެ 246 މައްސަލައިގައި 2.2 މިލިއަން ރުފިޔާ ގެއްލުނު އިރު އެ މަސް ނިމިގެން ދިޔައީ އެއްވެސް ފައިސާއެއް ރިކަވާނުކުރެވިއެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް ހެދީ މިދިޔަ މާޗު 17 ވަނަ ދުވަހުގައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected]) މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިހާރެކޭ ވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުންޏެވެ.