ENGLISH

06 ޖުލައި 2025

Advertisement

އެމްއައިއެފްސީ އާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ، ރައީސަށް ތައުރީފު ހައްޤު: ޤާސިމް

05 މޭ 2025

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ޤާސިމް އިބްރާހިމް.. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ވަރަށް އުންމިދީ މަޝްރޫޢުއެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން ނިންމާ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި މަޝްރޫޢުއާ ބެހޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ.

ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށްދިނުމަށް މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރުގެ ބޭނުންތެރިކަން މުހިންމުކަމަށާއި އަދި މިއީ ރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ދާއިރާއިންވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި މަސައްކަތައް ހުރިހައި ސިޔާސީ ލީޑަރުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ މާލީ ނިޒާމަށް އިންގިލާބެއް ގެނުވާނެ މަޝްރޫޢެއްކަން އިޤްތިޞާދީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ.

މިއީ ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފަށާ މިފަދަ އެންމެ ބިޔަ މަޝްރޫޢު އެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި ގިނަ ބޭނުންތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއް ވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށް ކަމަށް ވެސް ސަރުކާރުން ހާމަ ކުރައްވައެވެ.

މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު، ދުވާލެއްގެ މައްޗަށް އެ ސަރަހައްދަށް 35,000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު