ENGLISH

05 މޭ 2025

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ އައު ސްކޫލު މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ: އެޑިޔުކޭޝަން މިނިސްޓަރު

05 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ އައު ސްކޫލު މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ ޝަފީޢު ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ ގިނަ ދަރިވަރުން ބުރިޖު ހުރަސްކޮށް މާލޭގެ ސްކޫލުތަކަށް ދާންޖެހޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ގޮތުން، ކުރިން އެއް ސެޝަނަށް ހިންގަމުން އައި ސަލާހުއްދީން ސްކޫލް މިހާރު، ދެ ސެޝަނަށް ބަދަލުކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ އައު ސްކޫލު މި އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު މި ސަރުކާރުގަ އެންމެ ފުރަތަމަ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓަކީ ސްކޫލެއް ބިނާކުރުން. ދެވަނަ ފޭސްގައި، ހިޔާ ފްލެޓުގެ ކައިރީގައި އަޅުގަނޑުމެން މިހާރު ބިނާކުރަމުންދާ ސްކޫލު ، 54 ކުލާސްރޫމުގެ ސްކޫލު މިއަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެ." މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އެޅުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އަދި ތިން ވަނަ ފިޔަވަހީގައި ދެ ލައްކައަށް ވުރެ ގިނަ މީހުން އާބާދުވާނެ ކަމަށް އަންދާޒާކޮށް ހަދާފައިވާ ޕްލޭނާ އެއްގޮތަށް މިހާރު ހުރި ސްކޫލްތައް ހިމަނައިގެން 22 ސްކޫލެއް ހުޅުމާލޭގައި ޤާއިމްކުރަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު