ENGLISH

05 މޭ 2025

Advertisement

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

05 މޭ 2025

|

އުމްނާ އިސްމާޢީލް

މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒް

ކުރިމިނަލް ކޯޓުގައި ހިނގަމުން އައި މައްސަލައެއްގައި އެ ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުއްވިކަން ސާބިތުވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލަ ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުން މަޤާމުން ވަކިކުރުމުގެ މައްސަލަ އިޢުލާނުކުރުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

މި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން، ބަންދުން މިނިވަންކުރުމަށް ބަންދާމެދު ގޮތެއް ނިންމެވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޛިހުނީއަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުވެ ޖޭއެސްސީން ތަޙްޤީޤުކުރި މައްސަލައެކެވެ. 

ދެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރި މައްސަލާގައި އޭނާ ބަންދުން ދޫކުރުމަށް ބާރުއަޅުއްވައި ނުފޫޒު ފޯރުވާފައިވަނީ ފަނޑިޔާރު މަހާޒު ހިމެނޭހެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބު މެދުވެރިކޮށެވެ. 

ސަފްވަތު ހަބީބަކީ ފަނޑިޔާރު މަހާޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެއްވެސްމެއެވެ. 

ފަނޑިޔާރަކު މަޤާމުން ވަކިކުރަން ފެންނަކަމަށް ޖޭއެސްސީން ނިންމުމުން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރާނީ ރައްޔިތުންގެ މަޖިލީހަށް އެ މަައްސަލައެއް ހުށަހަޅައި މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި އެގޮތަށް އެއިރުގެ ސުޕްރީމް ކޯޓުގައި ތިއްބެވި ގިނަ ފަނޑިޔާރުންތަކެއް ވަކިކުރިއެވެ. 

މި މައްސަލައިގެ އިތުރަށް ހައިކޯޓުގެ ކުރީގެ ރެޖިސްޓްރާއާމެދު ސުޕްރީމް ކޯޓުން އިސްތިއުފާދެއްވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބޭއަދަބީކޮށް މުއާމަލާތްކުރެއްވިއިރު އެ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ބައިވެރިވެވަޑައިގަތްކަމަށް ތުހުމަތުވާ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު މަޤާމުން އިސްތިއުފާދެއްވީ އޭނާ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވިކަމަށް ތުހުމަތުވާ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު