ENGLISH

05 މޭ 2025

Advertisement

އެމްއައިއެފްސީ: ސިންދަފާތު އިގުތިސާދެއްގެ ބިންގާ، އަމާޒު އިންގިލާބީ ބަދަލަކަށް

05 މޭ 2025

|

ޝިފްޒާން އަޙްމަދު

ދިވެހިރާއްޖޭގެ އިގުތިސާދުގެ ނާޒުކުކަމުގެ އަސްލަކީ އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުމެވެ. އަދި އެ ސިނާއަތަކީ ފަތުރުވެރިކަމަށްވެފައި އެއީ ދުނިޔެއަށް އަންނަ ހުރިހާ ލޮޅުމެއްގެ އަސަރު އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ތަހައްމަލުކުރާ ސިނާއަތަށްވުމަކީ އެ ނާޒުކުކަން އިތުރުކޮށްދޭ ސަބަބެކެވެ. މިއީ ދިވެހިރާއްޖޭގެ ވެރިކަން ފާއިތުވި ސާޅީހަކަށް އަހަރު ކުރެއްވި ކޮންމެ ވެރިޔަކުމެ އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ. ނަމަވެސް މި ނާޒުކުކަން ފިލުވައިލައި ދިވެހި އިގުތިސާދުގެ ވިލުންތެެރިކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަަޅެއް ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ. ކުރީގެ ރައީސުންނާއި ވެރިން ވެސް ކަންކަން ކުރައްވަން އުޅުއްވިއެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅެއް އެކަމުގައި އެޅިފައި ނެތެވެ. 

ރެޔަކީ ދިވެހި އިގުތިސާދުގެ މިނާޒުކު ހާލަތު ބަދަލުވުމުގެ އުންމީދު އައުވި ރެއެކެވެ. ޤަޠަރުގެ ޝާހީ ޢާއިލާއަށް ނިސްބަތްވާ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން ޖޮއިންޓް ވެންޗާއެއް އުފައްދައި، ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ފެށި ރެއެވެ. މާލީ ހިދުމަތްތައް ފޯރުކޮށްދޭ، ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ދިރިއުޅުމަށްފަހި އެންމެ ފަހުގެ ވައްޓަފާޅިއަށް ފަރުމާކުރެވިފައިވާ މަރުކަޒެއް ގާއިމުކުރުމަށް ފަސް އަހަރު ތެރޭ 8.8 ބިލިއަން ޑޮލަރު އިންވެސްޓުކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކުރެވިގެންދިޔައިރު، އެ އެއްބަސްވުން ތަންފީޒުވެ ނިމިގެންދާއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް އެތައް ބިލިއަން ޑޮލަރެއް ހިއްސާކުރާނެ ސިނާއަތެއް އުފަންވާނެކަމުގެ އުންމީދު ބޮޑެވެ. 

އެމްބީއެސް ގްލޯބަލް؛ ތަނަވަސް ބޮޑު ވިއުގައެއް އޮތް ކުންފުންޏެއް: 

ދިވެހި އިގުތިސާދު އައު އުސްމިންތަކަކަށް ގެންދިއުމަށް ފެށިގެންދާ މި މަޝްރޫއުގައި ދިވެހި ސަރުކާރާ ބައިވެރިވާ އެމްބީއެސް ގްލޯބަލްއަކީ އެމިރޭޓްސްގެ ދުބާއީގައި މަރުކަޒުވެފައިވާ ފެމިލީ އޮފީހެކެވެ. މާލީ ދާއިރާގެ މުސްތަލަހުގައި ފެމިލީ އޮފީހަކީ ތަނަވަސް ޢާއިލާއެއްގެ މުދަލާއި ފައިސާ ބަލަހައްޓައި އިންވެސްޓުކުރުމުގެ މަސައްކަތްކުރުމަށް ގާއިމުކޮށްފައިވާ މާލީ ކުންފުންޏަކަށް ކިޔާ ނަމެކެވެ. 

މި އޮފީހަކީ ޤަޠަރުގެ މަހުޖަނެެއްކަމަށްވާ ޝައިޚް ނާއިފް ބިން ޢީދު އައްޘާނީގެ ފެމިލީ އޮފީހެވެ. އޭނާއަކީ ޤަޠަރުގެ ޝާހީ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ތަނަވަސް ބޭފުޅެކެވެ. އެ އޮފީހުން ފައިނޭންޝަލް ޓައިމްސް ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ކުންފުންޏަކީ މިހާރުވެސް 14 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އެސެޓުތައް މެނޭޖުކޮށް ބަލަހައްޓަމުންދާ ތަޖުރިބާކާރު ކުންފުންޏެކެވެ. 

އެ ކުންފުންޏާ ގުޅޭ ގޮތުން ލިބެން ހުރި މައުލޫމާތުތަކުންް ކަށަވަރުވާ ގޮތުގައި އެ ކުންފުންޏަކީ ގަލްފުގެ ގައުމުތަކުގެ ތަނަވަސް އާއިލާތަކާއި، ވަކިވަކި ފަރުދުންނާ ވެސް ގުޅުން އޮންނަ، ތަނަވަސް މީހުންގެ ބޮޑު ވިއުގައަކާ ލާމެހިފައިވާ ކުންފުންޏެކެވެ. ހޮޓާތަކުން ފެށިގެން ގޮސް އެކި ދާއިރާތަކަށް އެ ކުންފުންޏާއި މިފަދަ ތަނަވަސްކަމުގެ އެހުލުވެރިންނާ ގުޅިގެން އިންވެސްޓުކޮށްފައިވެއެވެ. 

ރާއްޖޭގައި ހިންގަން ގަސްތުކުރާ މަޝްރޫއަށް ބޭނުންވާ 8.8 ބިލިއަން ޑޮލރުގެ ތެރެއިން ހަތަރު، ފަސް ބިލިއަން ޑޮލަރު މިހާރުވެސް ހަމަޖެހިފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ ނަދީމް ހުސައިން ފައިނޭންޝަލް ޓައިމްސަށް މައުލޫމާތު ދެއްްވަމުން ވިދާޅުވެފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ މި ކަމުގެ ބޮޑުކަމުން ބޭނުންވާ ފައިސާގެ ގިނަކަން ކުރިއާލައި ވަޒަންކޮށް އެ ކުންފުނިން އެ ފައިސާ ހޯދުމަށް ގާއިމުކުރަންޖެހޭ ގުޅުންތައް ގާއިމުކޮށްފައިވާ ކަމަށެވެ. 

މި މަޝްރޫއުގައި ބައިވެރިވެ އިންވެސްޓުކުރަން ނިންމާފައިވާ ބައެއް ފަރާތްތަކުން އެކަމުގެ ސިޓީ ރޭ އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ހަވާލުކުރައްވާފައިވެއެވެ. 

ބްލޮކްޗެއިން އަދި ޑިޖިޓަލް އެސެޓުތަކަށް ހާއްސަ ފައިނޭންޝަލް ޒޯނެއް 

މިހާތަނަށް އެމްއައިއެފްސީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ފްރީ ޒޯނަކީ 830،000 އަކަމީޓަަރުގެ ސަރަހައްދެއްގައި 6،500 މީހުންނަށް ދިރިއުޅެވޭނެހެން އޮފީސް އިމާރާތްތަކާއި މަތީ ފަންތީގެ ހޮޓާތަކާއި އޮފީސް އިމާރާތްތަކާއި ޒަމާނީ ކުޅިވަރު ވަސީލަތްތަކާއި އިންޓަނޭޝަަނަލް ސްކޫލަކާއެކު ތައުލީމީ ވަސީލަތްތައް ވެސް ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މަރުކަޒެކެވެ. 

މި ފައިނޭންޝަލް ފްރީ ޒޯނުގެ މައިގަނޑު އަމާޒަކަށްވާނީ ބްލޮކްޗެއިން އަދި ޑިޖިޓަލް އެސެޓުތައް ބެލެހެއްޓުމާއި މެނޭޖުކުރުމުގެ ހިދުމަތްތައް ދިނުމެވެ. ބްލޮކްޗެއިން ޓެކްނޮލޮޖީ މާކެޓަކީ އަހަރުން އަހަރަށް 49.7 އިންސައްތައިން ކުރިއަރަމުން އަންނަ ދާއިރާއެކެވެ. 2032 ވަނަ އަހަރުގެ ނިޔަލަށް އެ ބާޒާރުގެ ބޮޑުމިން 746 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމުގައި މާހިރުން ލަފާކުރައްވައެވެ. 

މި އަސާސްގެ މައްޗަށް ބިނާކޮށް، އެމްއައިއެފްސީގެ މާސްޓަ ޕްލޭނުގައި އަންދާޒާކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހަތަރު ގުނައަށް އިތުރުވާނެ ކަމަށެވެ. އަދި ފަސް އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް މި މަޝްރޫއުން އުފައްދާނެކަމަށް ވެސް އެ މާސްޓާ ޕްލޭނުގައި ބަޔާންކޮށްފައިވެއެވެ. 

މާސްޓާ ޕްލޭނުގައި ބަޔާންކުރާ ގޮތުން މި މަޝްރޫއުގެ ތެރެއިން މާލޭ ސަރަހައްދުގައި 16،000 އެއްހައި ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. 

އެމްއައިއެފްސީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

ވިޔަފާރިތަކަށް ޝައުގުވެރި މާހައުލެއް އުފައްދާނެ

މި މަރުކަޒާ ގުޅޭ ގޮތުން އެމްއެފްއައިސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މި މަރުކަޒުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރާނެއެވެ. އެގޮތުން ވިޔަފާރިތަކަށް މި މަރުކަޒުގައި ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށް ޓެކްސް ދެއްކުމުން އިސްތިސްނާކުރާނެއެވެ. އަދި އެތަނުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ވެރިންނަށް އެތަނުގައި އަހަރަކު ވަކި މުއްދަތެއްގައި ދިރިއުޅުން ލާޒިމެއް ވެސް ނުވާނެއެވެ. 

މިތަނުގައި ގާއިމުކުރާ ވިޔަފާރިތަކަށް އެ މާހައުލުގެ ތަނަވަސްކަން އިތުރުކޮށްދިނުމަށް ގިނަ ވަސީލަތްތަކެއް ގާއިމުކުރުމަށް ނިންމާފައިވެއެވެ. އެގޮތުން އަންނަނިވި ވަސީލަތްތައް އެ ޒޯނުގައި ފުރިހަމަވެގެންދާނެ ކަމށް އެމްއައިއެފްސީން ބުނެއެވެ. 

  • 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ
  • ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު 
  • މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
  • ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  • މަތީ ފަންތީގެ ފިހާރަތައް
  • އޯޝަނޮގްރަފިކް މިއުޒިއަމެއް
  • ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  • ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
  • މިސްކިތެއް
  • އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް

މި ވަސީލަތްތަކާއެކު އޯފްޝޯ ބޭންކިން ޚިދުމަތް އެ ޒޯނުގައި ގާއިމުކުރާނެއެވެ. އަދި ތިމާވެއްޓާ ރަހުމަތްތެރި ގޮތްގޮތުން ފައިސާ ހޯދޭނެ ވަސީލަތްތައް ފަހިކުރުމާއެކު ޑިޖިޓަލް އަދި ބްލޮކްޗެއިން ކަރަންސީއާއި އިންވެސްޓުމެންޓުތަކަށް ޚާއްސަ މާހައުލެއް އުފައްދާނެއެވެ. 

ރައީސްގެ ތަސައްވުރު؛ ދިވެހި ތާރީޚުގެ އައު ބާބެއް ފެށުން

މި މަސައްކަތް ފެށުމަށް ޖޮއިންޓް ވެންޗާ އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ މި މަރުކަޒަކީ ދިވެހިރާއްޖޭގެ ތާރީޚުގެ އައު ބާބެއްގެ ފެށުންކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަރުކަޒަކީ ދިވެހިންނަކީ ކޮން ބައެއްކަން އަދި ކުރިއަށް އޮތް ތަނުގައި ވާން ބޭނުންވަނީ ކޮން ބައަކަށްކަން ރަމްޒުކޮށްދޭ މަރުކަޒެކެވެ. އެގޮތުން އެ މަރުކަޒު ރަމްޒުކޮށްދެނީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލަކަށް ނުވާ، ބައިނަލްއަގުވާމީ ބަދަލުތައް ގެނައުމުގެ މެދުވެރިޔަކަށްވާ ރާއްޖެއެއް ކަމަށާއި، އެތަނުން ރަމްޒުކޮށްދެނީ ކުޑަ ޖަޒީރާ ޤައުމެއް އެކަނި ނޫންކަމަށާއި ނަމަވެސް ސްމާޓް ޖަޒީރާ ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި ރާއްޖެއިން މަސައްކަތްކުރާނީ މާލީ ދާއިރާގެ ކުރީގެ މޮޑެލްތައް ކޮޕީކުރުމަށް ނޫންކަމަށާއި، ރާއްޖޭގެ އަމާޒަކީ ޝާމިލް ޑިޖިޓަލް ޚިދުމަތަށް އިސްކަންދޭ ހުދޫދުތަކުން ބަނދެވިފައި ނެތް މުސްތަގުބަލަށް ތައްޔާރުވެފައިވާ މާލީ ނިޒާމެއް ގާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ އުފައްދައި، ގައުމީ އުފެއްދުންތެރިކަމަށް އެތައް ގިނަގުނަ ހިއްސާއެއްވާ މަރުކަޒެއްގެ ގޮތުގައި އެމްއައިއެފްސީވާނީ އެކި ސިނާއަތްތަކުގައި ހުރި ފުރުސަތުތައް ހުޅުވައިދީ މުޖުތަމައުތައް އުފުލައިލަދީ އަންނާން ހުރި ޖީލުތަކަށް ފުރުސަތުތައް ހުޅުވައިދޭ މަރުކަޒަަކަށް ކަމަށެވެ. 

އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ މި މަރުކަޒީ މި ސަރުކާރުގެ ލެގަސީއަށް ވާނެ ކަމަށެވެ. އެއީ ދަގަނޑާއި ގަލުގެ ލެގަސީއެއް ނޫންކަމަށާއި އެއީ ހިތްވަރުގަދަ ނިންމުންތަކާއި، ވަރުގަދަ ގުޅުންތަކާއި ގައުމީ އަމާޒެއްގެ މައްޗަށް ބިނާވެފައިވާ ލެގަސީއެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންނާއި ދުރުވިސްނާ މީހުންނާއި، އިންވެސްޓަރުންނަށް އަޅުގަނޑުގެ ގޮވައިލުމަކީ މާލީ ދާއިރާގެ މުސްތަގުބަލު އޮތީ މިތަނުގައި ކަމަށް. އެއީ ދެމެހެއްޓެނެވި ޝާމިލު އިންސާނީ މުސްތަގުބަލެއް. އެއީ ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ މާލީ މަރުކަޒު. އެ މަރުކަޒު ފެށެނީ ދިވެހިރާއްޖެއިން،" ރައީސް ވިދާޅުވިއެވެ. 

މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގުތިސާދުގެ ނާޒުކުކަން ފިލުވައިލައި، ވިލުންތެރި އިގުތިސާދަކަށް މިސްރާބު އަނބުރައިދޭނެ މަޝްރޫއެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވިއެވެ. މިއީ މިހާތަނަށް ދިވެހި އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރަކުން އަޅާ އެންމެ އުންމީދީ ފިޔަވަޅެވެ. އަދި މިއީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ކުރެވޭ ބޭރުގެ އެންމެ ބޮޑު އިންވެސްޓުމެންޓު ވެސް މެއެވެ. 

ކިޔުންތެރިންގެ ހިޔާލު