ENGLISH
05 މޭ 2025
އެމްއައިއެފްސީ އިފުތިތާހުކުރުމަކީ ރާއްޖޭގެ އިގުތިސާދުގެ މުޅިން އައު ބާބެއްގެ ފެށުން: ރައީސް
04 މޭ 2025
|
އެމްއައިއެފްސީއާ ގުޅޭ ދެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓާ އިފުތިތާހުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މުޅިން އައު ބާބެއްގެ ފެށުންކަމަށާއި، މިއީ ދިވެހިރާއްޖޭގެ އިގުތިސާދުގެ އިންތައް ފަހަނައަަޅައި ސިންދަފާތުކޮށް ކުރިއަށްގެންދިއުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މާލީ ފްެރީ ޒޯނުގެ ގޮތުގައި ތަރައްގީކުރާ އެމްއައިއެފްސީ ތަރައްގީކުރުމަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޤަޠަރުގެ ޝާހީ ޢާއިލާގެ ކުންފުންޏެއްކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް މުހިއްމު ވަގުތުކޮޅެއް ކަމަށެވެ.
އެގޮތުން ފެށިގެންދާ ދިވެހި ތާރީޚުގެ އައު ބާބަކީ އުންމީދާއި އުފެއްދުންތެރިކަމާއި އިންގިލާބީ ބަދަލުތަކުން ފުރިގެންވާ ބާބެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ހަމައެކަނި ބިނާރު ތަރައްގީކުރުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ ދިވެހިރައްޔިތުން ފަޚުރާއި ވިލުންތެރިކަމާއި ފުރުސަތުތަކުން ބާރުވެރިކުރުވުމަށް ދިވެހި ސަރުކާރުން ފަށާ މަސައްކަތެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަރުކަޒަކީ ދިވެހިންނަކީ ކޮން ބައެއްކަން އަދި ކުރިއަށް އޮތް ތަނުގައި ވާން ބޭނުންވަނީ ކޮން ބައަކަށްކަން ރަމްޒުކޮށްދޭ މަރުކަޒެކެވެ. އެގޮތުން އެ މަރުކަޒު ރަމްޒުކޮށްދެނީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލަކަށް ނުވާ، ބައިނަލްއަގުވާމީ ބަދަލުތައް ގެނައުމުގެ މެދުވެރިޔަކަށްވާ ރާއްޖެއެއްކަމަށާއި، އެތަނުން ރަމްޒުކޮށްދެނީ ކުޑަ ޖަޒީރާ ޤައުމެއް އެކަނި ނޫންކަމަށާއި ނަމަވެސް ސްމާޓް ޖަޒީރާ ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖެއިން މަސައްކަތްކުރާނީ މާލީ ދާއިރާގެ ކުރީގެ މޮޑެލްތައް ކޮޕީކުރުމަށް ނޫންކަމަށާއި، ރާއްޖޭގެ އަމާޒަކީ ޝާމިލު ޑިޖިޓަލް ހިދުމަތަށް އިސްކަންދޭ ހުދޫދުތަކުން ބަދެވިފައި ނެތް މުސްތަގުބަލަށް ތައްޔާރުވެފައިވާ މާލީ ނިޒާމެއް ގާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ އުފައްދައި، ގައުމީ އުފެއްދުންތެރިކަމަށް އެތައް ގިނަގުނަ ހިއްސާއެއްވާ މަރުކަޒެއްގެ ގޮތުގައި އެމްއައިއެފްސީވާނީ އެކި ސިނާއަތްތަކުގައި ހުރި ފުރުސަތުތައް ހުޅުވައިދީ މުޖުތަމައުތައް އުފުލައިލަދީ އަންނާން ހުރި ޖީލުތަކަށް ފުރުސަތުތައް ހުޅުވައިދޭ މަރުކަޒަަކަށް ކަމަށެވެ.
އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ މި މަރުކަޒީ މި ސަރުކާރުގެ ލެގަސީއަށް ވާނެ ކަމަށެވެ. އެއީ ދަގަނޑާއި ގަލުގެ ލެގަސީއެއް ނޫންކަމަށާއި އެއީ ހިތްވަރުގަދަ ނިންމުންތަކާއި، ވަރުގަދަ ގުޅުންތަކާއި ގައުމީ އަމާޒެއްގެ މައްޗަށް ބިނާވެފައިވާ ލެގަސީއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންނާއި ދުރުވިސްނާ މީހުންނާއި، އިންވެސްޓަރުންނަށް އަޅުގަނޑުގެ ގޮވައިލުމަކީ މާލީ ދާއިރާގެ މުސްތަގުބަލު އޮތީ މިތަނުގައި ކަމަށް. އެއީ ދެމެހެއްޓެނެވި ޝާމިލު އިންސާނީ މުސްތަގުބަލެއް. އެއީ ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ މާލީ މަރުކަޒު. އެ މަރުކަޒު ފެށެނީ ދިވެހިރާއްޖެއިން،" ރައީސް ވިދާޅުވިއެވެ.
އެމްއައިއެފްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މިއަދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން އެ މަރުކަޒު ގާއިމުކުރާނީ 780،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެެއްގައެވެ. އަދި މި ސަރަހައްދުގައި 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލަކު 35،000 މީހުންނަށް މި ސަރަހައްދަށް ޒިޔާރަތްކުރެވޭނެކަމަށް ލަފާކުރެވެއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ޚަލީޖުގެ ބައެއް ގައުމުތަކުގެ ޝާހީ ޢާއިލާތަކުގެ ބޭފުޅުންނާއި، އެހެނިހެން ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.