ENGLISH
05 މޭ 2025
އަޒްމިރަލްދާއާއި މަހާޒު ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި މާދަމާ ފަށަނީ
04 މޭ 2025
|
ސަސްޕެންޑް ކުރި ތިން ފަނޑިޔާރުން -- ފޮޓޯ: މިހާރު
ކުރިމިނަލް ކޯޓުގައި ހިނގަމުން އައި މައްސަލައެއްގައި އެ ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުއްވިކަން ސާބިތުވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
މި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން ބަންދުން މިނިވަންކުރުމަށް ބަންދާމެދު ގޮތެއް ނިންމެވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޛިހުނީއަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުވެ ޖޭއެސްސީން ތަހުގީގުކުރި މައްސަލައެކެވެ.
އެ މައްސަލާގައި ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޓީގެ ރިޕޯޓު ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރި މައްސަލާގައި އޭނާ ބަންދުން ދޫކުރުމަށް ބާރުއަޅުއްވައި ނުފޫޒު ފޯރުއްވާފައިވަނީ ފަނޑިޔާރު މަހާޒު ހިމެނޭހެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބު މެދުވެރިކޮށެވެ.
ސަފްވަތު ހަބީބަކީ ފަނޑިޔާރު މަހާޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެއްވެސްމެއެވެ.
ދަށު ކޯޓުގެ ގާޒީއެއްގެ ނިންމެވުމަށް ނުފޫޒު ފޯރުވުމަކީ ފަނޑިޔާރުންގެ ސުލޫކާ ހިލާފު ކަމެއްކަމަށް ނިންމައި ޖޭއެސްސީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާށެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރަން ފެންނަކަމަށް ޖޭއެސްސީން ނިންމުމުން އެ ފަނޑިޔާރަކު މަގާމުން ވަކިކުރާނީ ރައްޔިތުންގެ މަޖިލީހަށް އެ މަައްސަލައެއް ހުށަހަޅައި މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި އެގޮތަށް އެއިރުގެ ސުޕްރީމް ކޯޓުގައި ތިއްބެވި ގިނަ ފަނޑިޔާރުންތަކެއް ވަކިކުރިއެވެ.
ޖޭއެސްސީން ނިންމައި މަޖިލީހަށް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައެއް ފޮނުވުމުން މާދަމާގެ ޖަލްސާގައި ވަނީ އެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވުމަށް ހިމަނާފަ އެވެ. އެ ކޮމެޓީން ބަލާނީ އެ މައްސަލައެއް ނިންމުމުގައި ޤާނޫނުގައި ބަޔާންކުރާ އިޖުރާއާތުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯއެވެ.
މި މައްސަލައިގެ އިތުރަށް ހައިކޯޓުގެ ކުރީގެ ރެޖިސްޓްރާއާމެދު ސުޕްރީމް ކޯޓުން އިސްތިއުފާދެއްވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބޭއަދަބީކޮށް މުއާމަލާތްކުރެއްވިއިރު އެ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ބައިވެރިވެވަޑައިގަތްކަމަށް ތުހުމަތުވާ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވީ އޭނާ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވިކަމަށް ތުހުމަތުވާ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުންނެވެ.