ENGLISH
05 މޭ 2025
ބޮޑު މަޝްރޫޢުއެއް: ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝިއަލް ސެންޓަރެއް
04 މޭ 2025
|
ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝިއަލް ސެންޓަރެއް ޤާއިމު ކުުރުން -- ފޮޓޯ: ރައީސް އޮފީސް
ދިވެހި ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓަކީ ގަތަރު ޝާހީ އާއިލާގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިރޭ ކުރުނބާ މޯލްޑިވްސް ގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްބީއެސްގެ އިސް ބޭފުޅެއް ކަމަށްވާ ޝެއިހް ނާއިފް ބިން އީދު އަލް ސާނީ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ މަރުވާން އަލްހާޖެރީ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ސެންޓަރަކީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި މާލީ މިނިވަން ސަރަޙައްދެކެވެ.
އަދި ބުނީ ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށެވެ.
މިއީ ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފަށާ މިފަދަ އެންމެ ބިޔަ މަޝްރޫޢު އެވެ.
ސަރުކާރުން ބުނި ގޮތުގައި ގިނަ ބޭނުންތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާާ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއް ވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށް ކަމަށެވެ.
މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭގޮތަށް އިންތިޒާމްކޮށްފައިވާނެ އެވެ. އަދި ދުވާލެއްގެ މައްޗަށް އެ ސަރަހައްދަށް 35,000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.