ENGLISH
05 މޭ 2025
މަސްތުވެ ހުރެ ކާރު ދުއްވި މީހަކު ހައްޔަރު، އޭރު އެއްފުރޮޅުގެ ޓަޔަރެއް ނެތް
04 މޭ 2025
|
މަސްތުގެ ހާލުގައި ހުރި މީހާ ދުއްވި ކާރު
ހުޅުމާލޭގައި، މަސްތުގެހާލަތުގައި ހުރެ ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނެވެ. އަދި އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށެވެ.
މި މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށާ އަދި، މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާ ކަމަށެވެ.
މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވަން ވަނީ އުޅެފައެވެ.
މި މައްސަލައާ ގުޅިގެން، ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާ ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ކާރު ޓޯވ ކޮށް މައްސަލަ ގެންދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.