ENGLISH

06 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

04 މޭ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ކ) އޮސްޓްރޭލިއާގެ ބޮޑުވަޒީރު، އެންތަނީ އަލްބަނީޒް،

އޮސްޓްރޭލިއާގެ ބޮޑުވަޒީރު، އެންތަނީ އަލްބަނީޒް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވައި، ބޮޑުވަޒީރު އަލްބަނީޒްގެ މި ކާމިޔާބީއަކީ އޮސްޓްރޭލިއާ ރައްޔިތުން އެ މަނިކުފާނަށް ކުރައްވާ ބޮޑު އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އުންމީދު އައު ކުރައްވަމުންނެވެ.

އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއިން ދަނީ، މެރިޓައިމް ސެކިއުރިޓީ، ވިޔަފާރި، ޓްރާންސްނޭޝަނަލް ކްރައިމް އެންޑް ކްލައިމެޓް ޗޭންޖް، އަދި ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން، ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ވަސީލަތްތައް މެނޭޖްކުރުމުގައި އޮސްޓްރޭލިއާގެ ތަޖުރިބާ ޙިއްޞާކުރުމާއި، ސިވިލް ސޮސައިޓީ ހަރުދަނާކޮށް، ހިންގުމުގެ ޤާބިލުކަން އިތުރުކުރުމާއި އދ.ގެ ޕާޓްނަރުން މެދުވެރިކޮށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދެޤައުމުން ދަނީ އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އޮސްޓްރޭލިޔާގެ ސިޔާސީ ތާރީޚުގައި، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރުގެ ލަޤަބު، އެތަނީ އަލްބަނީސް ވަނީ ހޯއްދަވައިފަ އެވެ.

މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ޖެހިޖެހިގެން ދެ ދައުރު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިޔާގެ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ 150 ގޮނޑީގެ ތެރެއިން 81 ގޮނޑި އަލްބަނީސް ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.

މިއީ، މިހާރު އެ ޕާޓީއަށް ލިބިފައިވާ ގޮނޑީގެ އަދަދަށްވުރެ އިތުރު އަދަދެކެވެ.

އިންތިޚާބުގެ ކާމިޔާބީ އިޢުލާނު ކުރައްވައި އަލްބަނީސް ވިދާޅުވީ އިތުރު ޕާޓީއަކާ އިއްތިޙާދެއް ޤާއިމު ކުރަން ނުޖެހޭ އަދަދަށް އޭނާގެ ޕާޓީއަށް ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ. އަދި މި ފެށޭ އާ ދައުރުގައި ސަރުކާރުން ޚިޔާރު ކުރާނީ އޮސްޓްރޭލިޔާގެ އަމިއްލަވަންތަކަން އެހެން ޤައުމުތަކުގެ ސިޔާސަތުތަކާއި ފިކުރަށް ތަބާ ނުވާނެ ކަމުގެ ޔަޤީންކަން އަލްބަނީސް ވަނީ ދެއްވައިފައެވެ.

މި އިންތިޚާބުގައި އޮސްޓްރޭލިޔާގެ އިދިކޮޅު ލީޑަރު، ޕީޓަރ ޑަޓަންއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ޤާނޫނު ހަދާ މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދެވި ކުއިންސްލެންޑުގެ ޑިކްސަންެގެ ގޮނޑި ވަނީ 20 އަހަރަށް ފަހު ގެއްލިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު