ENGLISH
06 ޖުލައި 2025
ޑިޒާސްޓަރ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފި
04 މޭ 2025
|
ޑިޖިޓަލް ނިޒާމެއްގައި ސަރުކާރު ހިންގަމުން އަންނައިރު ދިމާވާ ހާލަތެއްގައި ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ޚިދުމަތްތައް ހުއްޓުނަނުދިނުމަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ވަރލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެވުޒާރާއިން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫޢުންނެވެ.
އެން.ސީ.އައި.ޓީ އަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއްކަމަށްވާ "ކޭ.ބީ.އެސް.އެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް" އާއި އެކުގައެވެ. ކޭ.ބީ.އެސް.އެލް އަކީ 1987 އިން ފެށިގެން އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސްރީލަންކާގެ ކުންފުންޏެކެވެ.
މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އެން.ސީ.އައި.ޓީގެ އިސްވެރިޔާ އަދި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ. ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.
މި މަސައްކަތް އެފަރާތާއި ހަވާލުކޮށްފައިވަނީ 45525 އެމެރިކާ ޑޮލަރަށެވެ. އަދި މަސައްކަތް ނިންމަން ދެވިފައިވަނީ 4 މަސްދުވަހެވެ. މިގޮތުން އެ ކުންފުނިން ތައްޔާރުކުރާ ޕްލޭންއަކީ ބައިނަލްއަޤްވާމީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހެއެވެ. މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗަރގެ މިވަގުތުގެ ހާލަތާއި، ޤުދްރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކާއި، ކަންރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ ޕްލޭނެއް ތަންފީޛް ކުރުމާއި ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީވަސީލަތް ތަރައްޤީކުރަން ބޭނުންވާނެ ތަމްރީނުތައްވެސް ކަނޑައެޅިގެންދާނެއެވެ. އަދި މިފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ އެކި އިދާރާތަކުން އޮންލައިންކޮށް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރަމުންދާ އެންމެ މުހިންމު އިދާރާއަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އެވެ. މިގޮތުން އެން.ސީ.އައި.ޓީ އިން އޮޕަރޭޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓަރ (އެން.ޑީ.ސީ) ގައި ގިނަ އިދާރާތަކެއްގެ އެޕްލިކޭޝަންތައް ހޯސްޓްކޮށްދިނުމުގެ އިތުރުން އެ އިދާރާއިން ބަލަހައްޓާ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން) މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކުން ހިންގަމުންދާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައްވެސް ވަނީ ގުޅާލެވިފައެވެ.