ENGLISH

06 ޖުލައި 2025

Advertisement

ދަށު ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވިކަން ސާބިތުވެ އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މަޖިލީހަށް

04 މޭ 2025

|

ޝިފްޒާން އަޙްމަދު

ޖޭއެސްސީން މައްސަލަ ބަލަމުންދިޔަ ތިން ފަަނޑިޔާރުން، ފޮޓޯ: މިހާރު

ކުރިމިނަލް ކޯޓުގައި ހިނގަމުން އައި މައްސަލައެއްގައި އެ ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުއްވިކަން ސާބިތުވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. 

މި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން ބަންދުން މިނިވަންކުރުމަށް ބަންދާމެދު ގޮތެއް ނިންމެވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޛިހުނީއަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުވެ ޖޭއެސްސީން ތަހުގީގުކުރި މައްސަލައެކެވެ. 

އެ މައްސަލާގައި ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޓީގެ ރިޕޯޓު ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރި މައްސަލާގައި އޭނާ ބަންދުން ދޫކުރުމަށް ބާރުއަޅުއްވައި ނުފޫޒު ފޯރުއްވާފައިވަނީ ފަނޑިޔާރު މަހާޒު ހިމެނޭހެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބު މެދުވެރިކޮށެވެ. 

ސަފްވަތު ހަބީބަކީ ފަނޑިޔާރު މަހާޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެއްވެސްމެއެވެ. 

ދަށު ކޯޓުގެ ގާޒީއެއްގެ ނިންމެވުމަށް ނުފޫޒު ފޯރުވުމަކީ ފަނޑިޔާރުންގެ ސުލޫކާ ހިލާފު ކަމެއްކަމަށް ނިންމައި ޖޭއެސްސީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާށެވެ. 

ފަނޑިޔާރަކު މަގާމުން ވަކިކުރަން ފެންނަކަމަށް ޖޭއެސްސީން ނިންމުމުން އެ ފަނޑިޔާރަކު މަގާމުން ވަކިކުރާނީ ރައްޔިތުންގެ މަޖިލީހަށް އެ މަައްސަލައެއް ހުށަހަޅައި މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި އެގޮތަށް އެއިރުގެ ސުޕްރީމް ކޯޓުގައި ތިއްބެވި ގިނަ ފަނޑިޔާރުންތަކެއް ވަކިކުރިއެވެ. 

ޖޭއެސްސީން ނިންމައި މަޖިލީހަށް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައެއް ފޮނުވުމުން އެ މައްސަލަައެއްގައި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބަލާނީ އެ މައްސަލައެއް ނިންމުމުގައި ގާނޫނުގައި ބަޔާންކުރާ އިޖުރާއާތުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯއެވެ. 

މި މައްސަލައިގެ އިތުރަށް ހައިކޯޓުގެ ކުރީގެ ރެޖިސްޓްރާއާމެދު ސުޕްރީމް ކޯޓުން އިސްތިއުފާދެއްވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބޭއަދަބީކޮށް މުއާމަލާތްކުރެއްވިއިރު އެ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ބައިވެރިވެވަޑައިގަތްކަމަށް ތުހުމަތުވާ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވީ އޭނާ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވިކަމަށް ތުހުމަތުވާ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު