ENGLISH

06 ޖުލައި 2025

Advertisement

ސަރުކާރުގެ ޓެކްސީ ލައިނުން ޑްރައިވަރުންނަށް ފަހި ފުރުސަތުތަކެއް ލިބޭނެ: އަމީނު

04 މޭ 2025

|

ޝިފްޒާން އަޙްމަދު

ދަތުރުފަތުރާއި ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ އިލެކްޓްރިކް ވެހިކަލް ޓެކްސީ ލައިނުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ފަހި ފުރުސަތުތަކެއް ލިބޭނެކަމުގައި ދަތުރުފަތުރާއި ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

އަމީނު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ލައިނާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. 

އަމީނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގައި ފަށާ ސަރުކާރުގެ ޓެކްސީ ލައިނުގެ ސަބަުން ރައްޔިތުން ބޭނުންވާ އަދި އެދޭ ގޮތަށް ޓެކްސީ ހިދުމަތް ކަށަވަރުވާނެ ކަމަށެވެ. އަދި މިހާރު އަމިއްލަ މީހުން ފޯރުކޮށްދޭ ޓެކްސީ ހިދުމަތަށް އެކަމުގެ ސަބަބުން އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އިއްޔެ ރައީސްވެސް ވިދާޅުވެފައިވަނީ ޓެކްސީ ލައިން ތައާރަފުކުރުމަކީ މިހާރު ޓެކްސީ ހިދުމަތްދޭ މީހުންނަށާއި އެ ހިދުމަތް ހޯދާ މީހުންނަށްވެސް ފައިދާވާ ދެ ބައިމީހުންނަށްވެސް އެއިން މަންފާވާ "ވިންވިން" ހައްލެއް ކަމަށެވެ. 

"ޓެކްސީ ޑްރައިވަރުންނަށްވެސް އެންޝުއަރ ކުރެވޭ އެބޭފުޅުންނަށްވެސް ސްޓެޑީ އިންކަމެއް. އެބޭފުޅުންވެސް އޮންބޯޑުކޮށްގެން ކުރާ ކަމެކޭ މިއީ. ޕެރަލަލް ކޮމްޕެޓިޓާއެއް އުފައްދަނީކީއެއް ނޫން. މީގެ ތެރެއިން ކިތަންމެ ޓެކްސީ ޑްރައިވަރުންނެއް މިއަށް ވަދެ މީގެއިން ވަޒީފާ ލިބި ސްޓެޑީ ރަނގަޅު އިންކަމެއް ލިބޭނެ. ރައްޔިތުންނަށް ޔަގީންވެގެންދޭ ހިދުމަތް މެދުނުކެނޑޭކަން،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ޓެކްސީ ހިދުމަތަަކީ ދެމެހެއްޓެނެވި ހިދުމަތެއްކަން ކަށަވަރުކުރުމުގެ އިތުރަށް މިއީ ސަރުކާރުން ގެންގުޅޭ ދެމެހެއްޓެނެވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތައް ގެނެސްގެން ހިންގާ މަޝްރޫއެއްކަމަށްވާތީ އެގޮތުން މި މަސައްކަތަކީ ބޭނުންތެރި ކަމެއް ކަމަށެވެ. 

ރައީސްގެ ވާހަކަފުޅަށް ތާއީދުކުރައްވައި އަމީނު ވިދާޅުވީ މިހާރު ޓެކްސީ ކުރާ ޑްރައިވަރުންނާއި އަލަށް އެ ހިދުމަތަށް ނުކުންނަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ޓެކްސީ ލައިނުގެ ތެރެއިން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. 

ޓެކްސީގެ ހިދުމަތް ސަރުކާރުން ފެށުމުގެ އިތުރަށް މިހާރު ފޯރުކޮށްދެމުންދާ އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި އަހަރުގެ ނިޔަލަށް ފެށުމާއި، ބަހުގެ ހިދުމަތް ދޭ ތަންތަނުގައި އެ ހިދުމަތުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރެއްގެ ގޮތުގައި އަމީނު ސިފަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު