ENGLISH
06 ޖުލައި 2025
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން؛ ދިގުވުމުގެ އިތުރަށްވެސް ހާސް ގޮތުން ތަފާތު!
04 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އިއްޔެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެ ނޫސްވެރިންގެ ބައްދަަލުވުމުގައި ބައިވެރިވި 36 ނޫސްވެރިން ކުރަން ބޭނުންވި ހުރިހާ ސުވާލުތަކެއް ކުރުމަށް ފުރުސަަތު ދެއްވިއެވެ. ހެނދުނު 10:00 ގައި ފެށި ނޫސްވެރިންގެ ބައްދަލުވުން މެންދަމު 12:54 ހާއިރަށް ދިގުލައިގެންދިޔައެވެ.
894 މިނިޓުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނަމާދު ވަގުތުތަކަށް މެދުކަނޑައިލެއްވި ވަގުތުތައް ފިޔަވައި ހުރިހާ ވަގުތެއް ރައީސް ހުންނެވީ ކޮޅަށެވެ. އެމަނިކުފާނު ކުރިފުޅުމަތީ ނޫސްވެރިން ތިބީ އިށީނދެގެންނެވެ. ސުވާލުކުރަން ބޭނުންވާ ނޫސްވެރިޔާ ތެދުވެ ސުވާލުކުރާއިރު އެހެން ނޫސްވެރިން އަޑުއަހަން ގޮނޑިތަކުގައި ތިއްބެވެ. އެއް ނޫސްވެރިޔަކަށްފަހު އަނެއް ނޫސްވެރިޔާ ތެދުވެ، ދިގު ބަޔާންތައް އިއްވައި، އެކި ކަންކަމާމެދު ސުވާލުކުރަމުންދިޔައިރު، އެއިން ކޮންމެ ސުވާލަކަށްވެސް ޖަވާބުދެއްވަމުން ގެންދެވިއެވެ.
މިއީ ދިވެހިރާއްޖޭގައި ރައީސަކު މިހާ ބޮޑަށް ނޫސްވެރިންނަށް ފުރުސަތު ދެއްވައިގެން ކުރިއަށްގެންދެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް އޮފީހުން އޮންނަނީ ނޫސްވެރިންނަށް ކުރެވޭނީ ކިތައް ސުވާލުކަން ކަނޑައަޅާފައެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގެ ދިގުމިންވެސް އޮންނަނީ ކުރިއާލާ ނިންމައިފައެވެ. ކަނޑައަޅާފައި އޮންނަ އަދަދަށްވުރެ އިތުރަށް ނޫސްވެރިޔަކު ސުވާލުކުރާނަމަ އެކަން އެ އޮފީހުގެ އޮފިޝަލުން ހުއްޓުވައެވެ. ނިންމާފައި އޮންނަ ވަގުތު ހަމަވުމުން އިތުރަށް ސުވާލުކުރަން ބޭނުންވާ ނޫސްވެރިން ތިއްބަސް ނޫސްވެރިންގެ ބައްދަލުވުން ނިމުމަކަަށް ގެނެއެވެ.
އެހެންކަމުން މިދެންނެވި ހުރިހާ ސަބަބުތަކާހުރެ ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ދިވެހި ތާރީހުން ހާއްސަ ޖާގައެއް ލިބިގެންދިޔައެވެ. އެއީ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން އެކަންޏެއް ނޫނެެވެ. ނޫސްވެރިންނަށް އެންމެ މިނިވަންކަމާއެކު ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ލިބުނު ނޫސްވެރިންގެ ބައްދަލުވުންވެސްމެއެވެ. ރައީސަކު ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގެންނެވޭނެ އެންމެ މަތީ ދަރަޖައަށް ޖަވާބުދާރީވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެވެ.
އިތުރު ތަފާތަކީ ރައީސް ޖަވާބުދެއްވަމުން ގެންދެވި ގޮތެވެ. އެމަނިކުފާނުގެ އާއިލާއާއި ޒާތީ ދިރިއުޅުއްވުމާ ގުޅޭ ގޮތުން މީސްމީޑިޔާގައި ފެތުރެމުންދިޔަ އެކި ވާހަކަތައް ފަށްފަށްކޮށް ނޫސްވެރިން އެކަންކަމާމެދު ސުވާލުކުރަމުންދިޔައިރު، ހިނިތުންވެވަޑައިގެން ހުންނަވައި މަޑުމައިތިރިކަމާއެކު ޖަވާބުދެއްވަމުން ގެންދެވިއިރު، މޫނުފުޅުމަތިން ކޯފާގެ އަސަރެއް ނުފެނެއެވެ. އެނގިވަޑައިނުގަންނަވާ ކަމެއްނަމަ ފަހުން ޖަވާބު ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ހުރިހާ ތުހުމަތަކަށް ޖަވާބުދާރީވެވަޑައިގަތެވެ.
ނޫސްވެރިންގެ ސުވާލުތައް ފެށުމުގެ ކުރިން ރައީސް ހުށަހަޅުއްވައިދެއްވި ޕްރެޒެންޓޭޝަަނަކީ ރާއްޖޭގެ ރައީސަކު ސަރުކާރުގެ މަސައްކަތްތަކާއި، ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މިހާތަނަށް ހުށަހެޅުއްވި އެންމެ ތަފުސީލު އެންމެ ޝާމިލު ޕްރެޒެންޓޭޝަނެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތުތައް ތަފުސީލުކޮށްދެއްވައި މަސައްކަތްތައް ހިނގަމުންދާ ގޮތާއި ރާއްވަވާފައި ހުރި ކަންކަން ބަޔާންކޮށްދެއްވީ ވަރަށް ތަފުސީލުކޮށެވެ.
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގުވާމީ މީޑިޔާތަކުގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ރެކޯޑެއް މުގުރައިލުމުންނެވެ. ނަމަވެސް ދިވެހި ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ގޮސް އުޅުނު ނޫސްވެރިންނަށް އަދި އާއްމުންގެ ގިނަ ބަޔަކަށް މި ނޫސްވެރިންގެ ބައްދަލުވުން ތަފާތުވަނީ އަދި ތާރީޚީ ބައްދަލުވުމަކަށްވަނީ، ޖަވާބުދާރީވެވަޑައިގަތުމުގައި ރައީސް ދެއްކެވި ނަމޫނާގެ ސަަބަބުންނެވެ. އަދަދުތަކާއެކު ކަންކަމުގެ ހަގީގަތް ބަޔާންކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުންނެވެ.