ENGLISH
06 ޖުލައި 2025
ދިވެހިރާއްޖެ 2.0އިން މުއައްސަސާތަކަށް އިތުބާރު އިއާދަކުރެވޭނެ: ރައީސް
04 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ވެރިކަން ހިންގުމާއި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ޑިޖިޓައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހިރާއްޖެ 2.0 މަޝްރޫއަކީ ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަސައްކަތަކީ ޑިޖިޓަލް ފަސްޓް ނުވަތަ ޑިޖިޓަލް ހައްލުތަކަށް އެންމެ މަތީ އިސްކަމެއް ދޭ ދިވެހިރާއްޖެއެއް ކޮންމެ ރައްޔިތަކަށްޓަކައި، އަދި ކޮންމެ ރަށަކަށްޓަކައި، އަދި އަންނާން ހުރި ހުރިހާ ޖީލުތަކަށްޓަކައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ކުރިމަގުގެ ތަސައްވުރު ކަމަށެވެ.
އެ ތަސައްވުރު ބިނާވެފައިވާ އަށް އަސާސް ނުވަތަ ތަނބަކީ ބިނާކޮށް ނިޒާމުތައް ގުޅުވާލައި، ސަރުކާރު ހިންގައި، ހައްގުތައް ހިމާޔަތްކޮށްދީ، ދެފުށް ފެންނަ ނިޒާމު ކުރިއަރުވައި، ރައްޔިތުންގެ އިތުބާރު އާއްމު މުއައްސަސާތަކަށް އިއާދަކުރާނެ ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ 2.0ގެ އަށް ތަނބުގެ ކުރު ހުލާސާ ތައާރަފެއް ހިމެނޭ ވީޑިޔޯއެއް ރައީސްގެ ޕޯސްޓާއެކު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އެ ވީޑިޔޯގައި ތައާރަފުކޮށްދީފައިވާ އަށް ތަނބަކީ:
ހ- ޑިޖިޓަލް އައިޑެންޓިޓީއާއި އިތުބާރުކުރެވޭ މުއާމަލާތްތައް:
އެއީ ރައްކާތެރި ގައުމީ އައިޑެންޓިޓީ ނިޒާމެއް ގާއިމުކޮށް، އެނިޒާމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ރުހުމުގެ މައްޗަށް ބިނާވެގެން ހިދުމަތްތަކާއި ޑޭޓާއަށް ވާސިލުވެވޭނެ މަގުތައް ފަހިކުރުމެވެ.
ށ- ހާމަަކަންބޮޑުކޮށް މައުލޫމާތު ހިއްސާކުރުމާއި ސަރުކާރު ހިންގުން
އެއީ އެ ނިޒާމުތަކުގެ މެދުގައި މުވާސަލާތުކުރެވޭ ނިޒާމުތަކެއް ގާއިމުކޮށް، މިހާރަށްވުރެ ސްމާޓް އަދި އަވަސް ލާމެހިފައިވާ ވެރިކަން ހިންގުމުގެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމެވެ.
ނ- ގައުމީ ވިލުންެރިކަމަށް ސައިބާ ސެކިއުރިޓީ
އެއީ ގައުމުގެ ޑިޖިޓަލް ނިޒާމުތައް ރައްކާތެރިކުރުމަށް ވަރުގަދަ ސައިބާ ދިފާއުތަކެއް ގާއިމުކޮށް ޑިޖިޓަލް ހިދުމަތްތަކާމެދު އާއްމުންގެ އިތުބާރު ޔަގީންކުރުމެވެ.
ރ- ޑިޖިޓަލް ހިދުމަތްތަކާއި ސަރުކާރަށް އިތުބާރު ލިބޭނެ ޒަމާނީ ގާނޫނީ އޮނިގަނޑެއް
އެއީ ޒަމާނާ ފައިހަމަކުރާ ގޮތަށް ފަރުމާކުރެވިފައިވާ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް އުފެއްދުންތެރިކަމަށް ހިތްވަރުދީ، ޑިޖިޓަލް ޚިދުމަތްތަކާމެދު އިތުބާރު އުފައްދައިދޭނެ ގާނޫނުތަކެއް އެކުލަވައިލުމެވެ.
ބ- ރައްކާތެރި ދައުލަތުގެ ޑިޖިޓަލް ބިނާރުތައް
އެއީ ގައުމީ ކްލައުޑް އަދި ޑާޓާ ސެންޓަރުތައް ގާއިމުކޮށް ރާއްޖޭގެ މައުލޫމާތުތައް ރައްކާތެރިކޮށްދޭ އަރުޝީފުތަކާއެކު ޑިޖިޓަލް މިނިވަންކަން ކަށަވަރުކުރުމެވެ.
ޅ- ރައްޔިތުންގެ ނާރެހުގައި އެނބުރޭ އީ-ސަރުކާރުގެ ހިދުމަތްތައް
އެއީ އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކޮށް ލުއިފަސޭހަކޮށްދީ ދެފުށް ފެންނަ ގޮތަށް ފޯރުކޮށްދިނުމާއެކު އެ ހިދުމަތްތައް އިދާރީ އޮޅުންބޮޅުމުގެ ވަށައިގެން ބިނާނުކޮށް ރައްޔިތުންގެ ބޭނުންތަކުގެ ބިންގަލުގެ މަތީގައި ބިނާކުރުމެވެ.
ކ- ވަކިވަކި ދާއިރާތަކަށް ޑިޖިޓަލް އިންގިލާބެއް
އެއީ ސިއްހީ ހިދުމަތްތަކާއި ތައުލީމާއި އަދުލު އިންސާފާއި ބަރުލަމާނުން ސްމާޓް އެންމެންގެ ބައިވެރިވުން ކަށަވަރުވާ އާއްމު ހިދުމަތްތައް ލިބޭނެހެން ޒަމާނާ އަދާހަަމަކުރުމެވެ.
އ- އައިސީޓީ ތަރައްގީކުރުމާއި އީޖާދުތަައް
ދިވެހި ހުނަރުވެރިން ބރުވެރިކޮށް އައު ވިޔަފާރިތަކަށް ފުރުސަތުތައް ދީ ޑިޖިޓަލް ސިނާއްތަތައް ރާއްޖޭގެ މުސްތަގުބަލުގެ އިގުތިސާދު ބައްޓަންކުރުމަށް ކުރިއަށް ނެރުމެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސްވަނީ ޑިޖިޓައިޒްކުރުމަށް ކުރައްވާ މަސައްކަތްތަކަަށް އަލިއަޅުވައިލައްވާފައެވެ. އެގޮތުން މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނެތިކޮށް ދެފުށް ފެންނަ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް ފަސޭހައިން އަވަހަށް ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.