ENGLISH
06 ޖުލައި 2025
ރައީސް ދެއްކެވީ ކޮންމެ މަސްއޫލުވެރިއެއްގެ ކިބައިން ފެންނަންޖެހޭ ނަމޫނާއެއް: އައްބާސް
04 މޭ 2025
|
ޕީއެސްއެމްގެ އަހަރީ ޖަލްސާގައި އައްބާސް އިބްރާހީމް ވާހަކަދައްކަވަނީ، ފޮޓޯ: ޕީއެސްއެމް
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވުމަށް 14 ގަޑިއިރާއި 54 މިނިޓު ހޭދަކުރައްވައި ރައީސް ދައްކުވައިދެއްވީ މަސްއޫލުވެރިންގެ ކިބައިން ފެންނަންޖެހޭ އެންމެ މުހިއްމު ނަމޫނާކަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ޕީއެސްއެމް އެވޯޑް 2025" ޝަރަފުވެރކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އައްބާސް ވިދާޅުވީ ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށެވެ.
އިތުރަށް އައްބާސް ފާހަގަކުރެއްވީ ރައްޔިތުންނަށް ކަންކަން ބަޔާންކޮށްދެއްވައި ސާފުކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މަސްއޫލުވެރި މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް އެ މަސައްކަތްޕުޅުން ނަމޫނާ ލިބިވަޑައިގަންނަވަންޖެހޭ ވަރުގެ މަސައްކަތްޕުޅެއް ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 894 މިނިޓު ރައީސް ހޭދަކުރެއްވިއިރު، ނޫސްވެރިން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. ބައެއް ނޫސްވެރިން އަށް ސުވާލަށްވުރެ ގިނަ ސުވާލު ރައީސާ ކުރިއިރު އެމަނިކުފާނުވަނީ އެއިން ކޮންމެ ސުވާލަކަށްވެސް ޖަވާބުދެއްވާފައެވެ.
"އެމަނިކުފާނު ދެއްކެއްވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއް. ޚަބަރާ، ކަންކަން ހިނގަމުންދާގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްޢޫލުމީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. އެކަން ހާމަކޮށްދެއްވަމުން އެގެންދެވީ. މިއީ ތާރީޚީ ބައްދަލުވުމެއް." އައްބާސް ވިދާޅުވިއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރއީށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވައި، އެމަނިކުފާނާ ގުޅުވައިގެން މީސްމީޑިޔާގައި ފަތުރަމުން އަންނަ އެކި ވާހަކަތައް ސާފުކޮށްދެއްވި ގޮތަށް ގިނަ ބަޔަކު އަންނަނީ ތާރީފުކުރަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ ވެރިޔަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. ނޫސްވެރިންގެ ބައްދަލުވުން ދިގުވުމުގެ އިތުރަށް އެއްވެސް ނޫސްވެރިޔަކަށް އެއްވެސް ސުވާލެއް ކުރުމަށް ހުރަހެއް ނެތި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު މި ބައްދަލުވުމުގައި ދީފައިވެއެވެ.