ENGLISH

06 ޖުލައި 2025

Advertisement

ދުންފަތާ ބެހޭ ގާނޫނު އިސްލާހުކުރި ފަހުން ވަގަށް އެތެރެކުރި 14.5 މިލިއަން ސިނގިރެޓު އަތުލައިގަނެފި

04 މޭ 2025

|

ޝިފްޒާން އަޙްމަދު

ދުންފަތުން މީހުން ސަލާމަތްކުރުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުން، ފޮޓޯ: ސީއެންއެން

ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާހުތައް ތަންފީޒުކުރަން ފެށިފަހުން ރާއްޖެއަށް ވަގަށް އެތެރެެކުރި 14.5 މިލިއަން ސިގިރެޓު އަތުލައިގަނެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ދުންފަތާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަަންފީޒުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑެތި ކާމިޔާބުތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ވޭޕުގެ ބާވަތްތައް މަނާކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ގޮތުން ވޭޕާއި އެއާ ގުޅުންހުރި އާލާތްތައް ހިފަހެއްޓުމުގެ މަސައްކަތުގެ ތެރެއިން 26،000 ވޭޕު އަދި އެއާ ގުޅުންހުރި އާލާތްތައް ހިފަހެއްޓިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ވަގަށް ރާއްޖެއަށް އެތެރެކޮށް ވިއްކަން މަސައްކަތްކުރި 14.5 މިލިއަން ސިގިރެޓު އަތުލައިގަނެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގާނޫނު އިސްލާހުކުރި ފަހުން 177 ފަރާތެއް އެގާނޫނާ ހިލާފުވެގެން ފިޔަވަޅުއަޅާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ދިވެހިރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ މުޖުތަމައެއް އޮތް ގައުމަކަށް ހެއްދެވުމުގެ ގޮތުން ރައީސް ގެންދަވަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2007 ވަނަ އަހަރުގެ ޖަނަވަރީ އެކެއްގެ ފަހުން އުފަންވި އެންމެނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކުރުމަށް މިހާރު މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައިވެއެވެ. 

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެބިލަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދުންފަތުން މީހުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ކުރިމަގުގައި ދިވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް އަޅުއްވާ މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު